ވިޔަފާރި

"ތަސްވީރު"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އެމްއެމްޕީއާރުސީން ފަށައިފި


"ތަސްވީރު - މޯލްޑިވްސް ތްރޫ އާޓް"ގެ ނަމުގައި އިންޓަރނޭޝަނަލް ކުރެހުމުގެ މުބާރާތެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖެ އާއި ބައިނަލްއަޤްވާމީ އާޓިސްޓުންގެ ހުނަރުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދީ ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއެކު އެމްއެމްޕީއާރުސީން ފެށި މި މުބާރާތުގައި ރާއްޖެ އާއި ބައިނަލްއަޤްވާމީ އާޓިސްޓުންނަށް ބައިވެރިވެވޭނެއެވެ. މި މުބާރާތުގެ ތީމަކީ "ސެލެބްރޭޝަން އޮފް ނޭޗަރ - ބިޔުޓިފުލް އީކޯސިސްޓަމްސް" އެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ މި މުބާރާތަކީ، ދިވެހިރާއްޖެ އަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިޔާ ތަކުގައި ވިޒިޓް މޯލްޑިވްސްގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން މުޅިން އަލަށް ކުރިއަށްގެންދާ ހަރަކާތެއް ކަަމަށެވެ. އަދި މި މުބާރާތުގެ އަމާޒަކީ ދިވެހި އާޓިސްޓް ކޮމިއުނިޓީއަށް ހިތްވަރާއި އެއްބާރުލުން ދިނުމާއެކު، އެކި މީޑިއަމްތަކުގެ އާޓްވޯކް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުދުރަތީ އީކޯސިސްޓަމްސްގެ ހިތްގައިމު ކަމަށް އަލިއަޅުވާލުން ކަމަށް ޠައްޔިބު ވިދާޅުވިއެވެ.

މިމުބާރާތުގައި ކުރެހުންތައް ހުށަހެޅުމަށް ހަމަޖެހިފައިވާ މީޑިޔަމްތަކަކީ ޕެއިންޓިންގްސް، ޑިޖިޓަލް އާޓްގެ އިތުރުން މިކްސްޑް މީޑިއާ އާޓްވޯކްސްއެވެ. މިމުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތައް ސަބްމިޓް ކުރާނީ މުބާރާތަށް ޚާއްސަކޮށް ވިޒިޓްމޯލްޑިވްސްއިން އުފައްދާފައިވާ މައިކްރޯސައިޓް، thasveeru.visitmaldives.com އަށެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުން ތަކުގެ ތެރެއިން އުފެއްދުންތެރިކަމަށާއި، ކޮންސެޕްޓަށާއި އެ ކުރެހުމުގެ މީޑިއަމްގައި ފަންނުވެރިކަމަށް ބަލައި ޖުމްލަ 12 ކުރެހުން ހޮވާނެއެވެ. މީގެ ތެރޭގައި ހޮވާނީ އިންޓަނޭޝަނަލް 6 ކުރެހުމާއި ލޯކަލް 6 ކުރެހުމެވެ.

ކުރެހުންތަކުގެ ފެންވަރު ވަޒަންކޮށް ހޮވާނީ މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ. ހޮވާލެވޭ 12 ކުރެހުން ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖަށް ހިއްސާކޮށް، އިންސްޓަގްރާމް އިން މި ޕޯސްޓް ތަކަށް ލިބޭ ލައިކްސް އިން %50 އަދި ޖަޖުންގެ މާކްސްގެ %50 އަށް ބަލައި އިންޓަނޭޝަނަލް އާއި ލޯކަލް ކެޓަގަރީއިން އެންމެ ގިނަ މާކްސް ލިބޭ 1 ވަނަ، 2 ވަނަ ފަރާތް ހޮވާނެއެވެ. އެގޮތުން ޖުމްލަ 4 އާޓިސްޓުންނަށް މުބާރާތުގައި ވަނަ ލިބޭނެއެވެ. ވަނަ ލިބޭނީ އިންޓަނޭޝަނަލް 2 އަޓިސްޓުންނަށާއި ލޯކަލް 2 އާޓިސްޓުންނަށެވެ.

މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއް ވަނަ ލިބޭ ދެފަރާތަކަށް 3000 ޑޮލަރު އަދި 2 ވަނަ ލިބޭ ދެފަރާތަކަށް 2000ޑޮލަރު ލިބޭނެއެވެ. މިމުބާރާތުން ހޮވާލެވޭ ކުރެހުންތައް އެމްއެމްޕީއާރުސީން ކުރިއަށްގެންދާ އިޝްތިހާރުކުރުމުގެ ހަރަކާތްތަކުގައި ބޭނުންކުރެވޭނެއެވެ.

އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިޔާގައި ދިވެހިރާއްޖޭގެ އެކި ރިޒޯޓްތަކާއި ރަށްރަށުގައި ހުރި މިފަދަ އާޓްވޯކްތައް ހިއްސާކުރަމުންދާނެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ އޮފިޝަލް އިންސްޓަގްރާމް ގައި 'ލައިކް އެންޑް ޝެއަރ' މުބާރާތެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންޓެސްޓުން ހޮވޭ ފަރާތްތަކަށް އެމްއެމްޕީއާރުސީގެ އެގްޒެކެޓިވް ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ދުވަހުގެ ކުރިން ހުށަހެޅުން ސަބްމިޓް ކުރަން ޖެހޭނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.