ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީ ފޯރުކޮށްދެނީ


އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ފެންބޮޑުވެ
ގެއްލުން ލިބުނު ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އެހީތެރިކަން
ފޯރުކޮށްދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.



އައްޑޫ ސިޓީއަށް މިމަހުގެ ސައުވީސް ފަނަ
ދުވަހު ކުރި ވިއްސާރައިގެ ފޭދޫ އަދި މަރަދޫފޭދޫގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް
ލިބުމާއި ގުޅިގެން، ރައްޔިތުންގެ ޙާލަތު ބައްލަވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ
ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓަރ އައްޑޫ ސިޓީއަށް
ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ވަނީ ފެނުގެ އަސަރުކޮށް ބޮޑެތި
ގެއްލުންތަކެއް ލިބުނު ގެތަކަށް ޒިޔާރަތްކުރައްވާފައެވެ.



އައްޑޫ ސިޓީގައި ހުންނަވައިގެން
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު
ވިދާޅުވީ، ފެނުގެ އަސަރުކޮށް ގެއްލުން ލިބުނު ގެތަކަށް ރައީސުލްޖުމްހޫރިއްޔާ
ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެހީ ދެއްވާނެ
ގޮތެއް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ ފެން ހިންދާ ނިޒާމަށް ދާއިމީ
ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރު ނިންމަވާފައި ކަމަށެވެ. އަދި ފެނުގެ
އަސަރުކުރި ގެތަކާއި ގުޅޭ އެސެސްމަންޓު މާދަމާގެ ނިޔަލަށް ނިންމާލޭނެ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.



ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ  އަބްދުﷲ ޒިޔާދު ވިދާޅުވީ، ފެންބޮޑުވެގެން ފެނުގެ
އަސަރުކުރި 300 ގެއެއް ހުރި ކަމަށާއި މީގެ ތެރެއިން 50 ގެއަކަށް ބޮޑެތި
ގެއްލުންތަކެއް ލިބި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ވަރަށް ބޮޑަށް
ހަލާކުވެފައިވާ ކަމަށެވެ. އަދި 100 ގެއަކަށް މެދުމިނުގެ ގެއްލުންތަކެއް ލިބިފައިވާ
ކަމަށް ޒިޔާދު ވިދާޅުވިއެވެ.



ފެންބޮޑުވި ގެތަކުން ފެން ހިއްކުމުގެ
މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުންނާއި އެމްއާރްޑީސީއާ ހައުސިންގ މިނިސްޓްރީ
ގުޅިގެން ކޮށްފައިވާއިރު، މިހާތަނަށް 381 ޓަނުގެ ވެލި އެމްއާރްޑީސީން އެކި
ގޭގެއަށް ފޯރުކޮށްދީފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.



ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ވިއްސާރައާ ގުޅިގެން އައްޑޫ
އަށް ލިބުނު ގެއްލުންތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ
ކަމަށެވެ. އަދި ފެން ހިންދުމުގެ ނިޒާމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް
މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ،
ފެންބޮޑުވުމާއި ގުޅިގެން ރަށުތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެތީ
ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް
ފެންބޮޑުވި ފޭދޫގެ 180 ގޭގެ ވަޅު ކްލޮރިނޭޓުކޮށްފައިވާ ކަމަށާއި ފޭދޫގެ 581
ގެއަކަށް ފޭދޫ ސިއްޙީ މަރުކަޒުން ޒިޔާރަތްކޮށް މޮނިޓަރކޮށްފައިވާ ކަމަށެވެ.