ކުޅިވަރު

ފުރަތަމަ ޑިވިޜަންގެ ފިރިހެން ޗެމްޕިއަންކަން އާކް ހޯދައިިފި




42 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން
ފުރަތަމަ ޑިވިޜަންގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އާކް ހޯދައިފިއެވެ.

އާކް
ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއާއެކު ކުޅެ ފުރަތަމަ ތިން މެޗް ވެސް ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި އާކް ޓީމުގެ ޒަޔާން ޒަކީއާއި ނަޝްފާން
މުޙައްމަދު، އީގަލްސްގެ އަޙުމަދު ތޯއިފް އަދި ހުސެއިން ރިޔާޒްގެ މައްޗަށް ކުރިހޯދީ
ދެ ސެޓް އެއް ސެޓުންނެވެ. ސެޓްތަށް ދިޔައީ ތޭވީސް އެކާވީސް، އަށާރަ އެކާވީސް އަދި
އެކާވީސް ސަތާރައިންނެވެ.



ދެވަނައަށް ކުޅުނު ސިންގަލްސް މެޗުގައި ބައްދަލްކުރީ
އާކްގެ މުޙައްމަދު އަޖްފާން ރަޝީދާއި އީގަލްސްގެ ހަސަން އަފްޝީންނެވެ. މި މެޗް
ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ، އަޖްފާން ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ
ސެޓް އެކާވީސް އަށާރައިން އޭނާ ކާމިޔާބުކުރިއިރު ދެވަނަ ސެޓް ގެންދިޔައީ އެކާވީސް ހަޔެއްގެ
ބޮޑު ތަފާތަކުންނެވެ.



ތިންވަނައަށް ކުޅުނު މެޗުގައި އާކްގެ ޒަޔާން
ޒަކީއާއި އީގަލްސްގެ އަޙުމަދު ތާއިފް ބައްދަލްކުރި މެޗް ޒަޔާން ކާމިޔާބުކުރީ ދެ
ސެޓުންނެވެ. ސެޓްތައް ދިޔައީ ބާވީސް ވިހި އަދި އެކާވީސް ސާދައިންނެވެ.