ޚަބަރު

39 އަހަރު ވަންދެން މެސީ ހުންނާނީ ބާސާގައި


ކުރިޔަށް އޮތް ފަސް އަހަރު ބާސެލޯނާގައި ހުންނަން ލަޔަނަލް މެސީ ނިންމައިފިއެވެ. އޭގެ އިތުރުން އޭނާގެ މުސާރައިގެ 50 އިންސައްތަ މަދުކުރަންވެސް މެސީވަނީ އެއްބަސްވެފައެވެ.

ބާސާއިން މެސީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ހަމަވެފައިވަނީ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. މެސީގެ އެއްބަސްވުން އައުކުރަން ބާސާއިން ބޭނުންވި ނަމަވެސް ލަލީގާގެ ޤަވައިދު ލާޒިމުކުރާ މިންވަރަށްވުރެ ކުޅުންތެރިންގެ މުސާރައަށް އެ ކުލަބުން ޚަރަދުކުރާ މިންވަރު އިތުރުވުމުން ބޮޑެތި އުނދަގޫތަކެއްވަނީ ކުރިމަތިވެފައެވެ. އެއާއެކު މެސީ ނިންމާފައިވަނީ އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން މެސީއަށް ދެމުންދިޔަ މުސާރައަކީ ހަފުތާއަކަށް 1.8 މިލިޔަން ޔޫރޯއެވެ. 34 އަހަރުގެ މެސީއަކީ ދުނިޔޭގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާވަނީ ބާސާއަށް ކުޅުނު 778 މެޗުގައި 672 ގޯލް ޖަހައި 305 އެސިސްޓުކޮށްފައެވެ. އޭގެ އިތުރުން އޭނާވަނީ ނިމިދިޔަ ކޮޕާ އެމެރިކާ ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މުބާރާތެއްގެ ތަށި ހޯދައިފައެވެ.