ޚަބަރު

" ރާވެރިބޭ މައިޒާން " ރައީސް ހުޅުއްވާދެއްވައިފި


މާލޭ ހުޅަނގު ދެކުނު ފަރާތު ހާބަރު ސަރަޙައްދުގައި ތަރައްްޤީކޮށްފައިވާ " ރާވެރިބޭ މައިޒާން " މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. "ރާވެރިބޭ މައިޒާން" ރަސްމީކޮށް ހުޅުވުމަށް އެ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މައިޒާން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ދެ ކަނބަލުންނެވެ. ރާވެރިބޭ މައިޒާނަކީ، މާލޭގެ ހުޅަނގު ފަރާތަކީވެސް އިޖްތިމާއީ ރޮނގުން ކުރިއަރާފައިވާ ސަރަހައްދަކަސް ހެދުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކްންސްޓަރަކްޝަން އިންޑަސްޓްރީ، މަސީން އިން ތަރައްގީ ކުރި ޕާކެކެވެ. މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި ތަރައްގީކުރާ ޕާކުފަދަ ތަންތަނަކީ، މާލެއަކީ އިޖުތިމާއީ ރޮނގުން ކުރިއަރާފައިވާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ތަރައްޤީކުރާ ތަންތަންކަމަށެވެ. އަދި، ރައީސް ޔާމީންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާކަން ފާހަގަ ކުރެއްވިއެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ، އެދާއިރާއަށް އިންތިޚާބުވުމުގެ ކުރިން މިފަދަ މައިޒާނެއް ތަރައްޤީކުރެއްވުމަށް ވެވަޑައިގެންނެވި ވައުދު މިއަދު ފުރިހަމަވެގެން ހިނގައްޖެކަމަށެވެ.  ރާވެރިބޭ މައިޒާން ތަރައްގީ ކުރުމުގައި ހައުސިން މިނިސްޓްރީއާއެކު މަސައްކަތް ކުރެއްވި މަސީގެ ރައީސް، މުހަންމަދު އަލީ ޖަނާހް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް އަބަދުވެސް މަސީގެ އެހީތެރިކަން އޮންނާނެ ކަމަށެވެ. "ރާވެރިބޭ މައިޒާން" ހުޅުއްވާދެއްވުމަށްފަހު ރައީސްގެ ދެކަނބަލުންވަނީ އެ މައިޒާން ބައްލަވާލައްވާފައެވެ. މިއަދު ހުޅުވިގެންދިޔަ ރާވެރިބޭ މައިޒާނަކީ މާފަންނުގައި ދިރިއުޅޭ ކުޑަކުދިންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއްކަން ޕީއެސްއެމްއާ ވާހަކަ ދެއްކި ކުޑަކުދިންގެ ޝުއޫރުތަކުން އެނގިގެންދިޔައެވެ.މިއަހަރުގެ ސެޕްޓެމްބަރު މަހު ތަރައްޤީ ކުރަންފެށި ރާވެރިބޭ މައިޒާން މިއަދު ހުޅުވިއިރު އެ ސަރަހައްދަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ސަރަޙައްދުގައި ހުރި ބައެއް ކެފޭތައް ނަގާ، އެސަރަހައްދަށް ވަނުމަށް އެންޓަރެންސްއަކާއި، ޕާކިން ޒޯނެއްވެސް ވަނީ އެ ސަރަހައްދުގައި ހަދާފައެވެ. އެސަރަހައްދު ތަރައްގީ ކުރުމަށް 4 މިލިއަން ރުފިޔާ ހޭދަވި ކަަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.