ޚަބަރު

ކުދި ވިޔަފާރިތައް ބޮޑުކޮށްލަދިން "އެސްޑީއެފްސީ"


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ މުހިއްމު މަސައްކަތްތަކެއް ހިމެނޭ އިޤްތިޞާދީ އެޖެންޑާއަކާއެކުއެވެ. އިޤްތިޞާދީ އެޖެންޑާގެ ދަށުން ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ މަސައްކަތްތަކެކެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރެއްވި އެންމެ މުހިއްމު މަސައްކަތަކީ، ސިޔާސީ މަޤްޞަދަށް ލޯނު ދިނުމުގެ ބަދަލުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ބޭންކެއް ޤާއިމްކުރުމުގެ މަސައްކަތެކެވެ. އެގޮތުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ މާލީ އިދާރާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާޙުކޮށްދެއްވީ 2019 ވަނަ އަހަރުގެ މާޗުމަހުގެ 18 ވަނަ ދުވަހުއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފެއްދި އެސްޑީއެފްސީ ބެންކު ފަށައިގެން އައިރު، އެސްޑީއެފްސީން ދިޔައީ މައިގަނޑު 4 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރި އެހީ ލޯން ސްކީމް"، ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.

އެސްޑީއެފްސީއަށް ދެ އަހަރު ފުށިފައިވާއިރު، އިތުުރު ލޯނު ސްކީމްތައްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ވިޔަފާރި ތަރައްޤީ، ފަށާ ވިޔަފާރި އަދި ވިޔަފާރި ދިރުން ނަމުގައި އެސްޑީއެފްސީން ވަނީ ސްކީމްތަކެއް ތަޢާރަފްކޮށްފައެވެ. އެސްޑީއެފްސީގެ ސްކީމްތައް މެދުވެރިކޮށް މިދިޔަ ޖޫންމަހުގެ ނިޔަލަށް ގާތްގަނޑަކަށް 970 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި އޭގެތެރެއިން މިހާތަނަށް 538 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ލޯނު ދޫކުރުމަށް ނިންމި ދާއިރާތަކަށް ބަލާއިރު،
- އާއްމު ވިޔަފާރިތައް ކުރާ 297 ފަރާތްތަކަށް 226 މިލިއަން ރުފިޔާ
- ފަތުުރުވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް 151 ފަރާތަކަށް 280 މިލިއަން ރުފިޔާ
- މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް 119 ފަރާތަކަށް 79 މިލިއަން ރުފިޔާ
- އެކި ތަކެތި އުފެއްދުމާއި ގުޅޭ މަސައްކަތްތަކަށް 70 ފަރާތަކަށް 64.8 މިލިއަން ރުފިޔާ
- ދަތުރުފަތުރުގެ މަސައްކަތްތަކަށް 70 ފަރާތަކަށް 104 މިލިއަން ރުފިޔާ
- އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 37 ފަރާތަކަށް 36.3 މިލިއަން ރުފިޔާ
- ދަނޑުވެރިކަމުގެ މަސައްކަތަށް 31 ފަރާތަކަށް 14.1 މިލިއަން ރުފިޔާ

ލޯނު އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި 69 ކަނބަލުން ހިމެނޭއިރު، އެކަނބަލުން 45 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ޒުުވާނުންގެ ތެރެއިން ލޯނަށް ކުރިމަތިލި 267 ޒުވާނަކަށް 293 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ލޯނު ދޫކުރެވުނު ފަރާތްތައް ނިސްބަތްވާ އަތޮޅުތަކަށް ބަލާއިރު،
- މާލެ ސިޓީއިން 216 ފަރާތަކަށް 243 މިލިއަން ރުފިޔާ
- މާލެ އަތޮޅުން 88 ފަރާތަކަށް 136.8 މިލިއަން ރުފިޔާ
- ލ.އަތޮޅުން 61 ފަރާތަކަށް 62.8 މިލިއަން ރުފިޔާ
- އައްޑޫ ސިޓީއިން 42 ފަރާތަކަށް 54.6 މިލިއަން ރުފިޔާ
- އއ.އަތޮޅުން 31 ފަރާތަކަށް 57 މިލިއަން ރުފިޔާ
- ހދ.އަތޮޅުން 27 ފަރާތަކަށް 28.9 މިލިއަން ރުފިޔާ
- ފުވައްމުލައް ސިޓީން 26 ފަރާތަކަށް 32.8 މިލިއަން ރުފިޔާ
- ގއ. އަތޮޅުން 27 ފަރާތަކަށް 42 މިލިއަން ރުފިޔާ
- އދ. އަތޮޅުން 18 ފަރާތަކަށް 30 މިލިއަން ރުފިޔާ
- ތ.އަތޮޅުން 21 ފަރާތަކަށް 23.6 މިލިއަން ރުފިޔާ
- ބ.އަތޮޅުން 21 ފަރާތަކަށް 33.4 މިލިއަން ރުފިޔާ
- މ.އަތޮޅުން 17 ފަރާތަކަށް 12 މިލިއަން ރުފިޔާ
- ނ.އަތޮޅުން 23 ފަރާތަކަށް 7.7 މިލިއަން ރުފިޔާ
- ފ.އަތޮޅުން 7 ފަރާތަކަށް 33.5 މިލިއަން ރުފިޔާ
- ވ.އަތޮޅުން 7 ފަރާތަކަށް 7.1 މިިލިއަން ރުފިޔާ
- ށ.އަތޮޅުން 10 ފަރާތަކަށް 9.6 މިލިއަން ރުފިޔާ

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ އިތުރުން، އެސްޑީއެފްސީގެ ބެންކެއްގެ މުހިއްމުކަން ކޯވިޑްގެ ހާލަތާއެކުވެސް ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ކޯވިޑާއި ގުޅިގެން ބޮޑު ގެއްލުމެއް ކުރިމަތިވިއިރު، އެ ގެއްލުންތަކުން އަރައިގަތުމަށް އެސްޑީއެފްސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މިގޮތުން ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ނަމުގައި އައު ލޯނެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި މިދިޔަ ޖޫންމަހުގެ ނިޔަލަށް 4086 ފަރާތަކަށް 627.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީކޮށްފައިވާ 2033 ވިޔަފާރިއަކަށް ދޫކުރަން ނިންމި 353 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި އަދި 2053 އަމިއްލަ ފަރުދަކަށް ދޫކުރަން ނިންމި 52.5 މިލިއަން ރުފިޔާއެވެ.

"
ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެ. އަޅުގަނޑުމެން އެސް.އެމް.އީ ބޭންކެއް މި އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި
ރައީސުލްޖުމްހޫރިއްޔާ

"ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު، މާ ކުރިއްސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާގޮތަށް. އެހެންކަމުން، އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން. ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެ. އަޅުގަނޑުމެން އެސް.އެމް.އީ ބޭންކެއް މި އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި" އެސްއެމްއީ ބެންކު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޤާއިމްކުރެވިގެން ދިޔަ އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބެންކުގެ ފޮނި މީރުކަން ލިބެން ފަށާފައިވާއިރު، އެބެންކުގެ ހަމައެކަނި ޒިންމާއަކީ ލޯނު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަކީވެސް އެސްއެމްއީ ބެންކުގެ ވަރަށް ބޮޑު މަޤްޞަދެކެވެ.

އެސްއެމްއީ ބެންކެއް ޤާއިމްކުރުމުގެ އިތުރުންވެސް، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެެ. އެގޮތުން ވިޔަފާރިތަކަށް ދަތިވާ ގޮތަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެދިފައިވާ ޤަވާޢިދުތައް އިޞްލާޙުކުރެވި ވިޔަފާރިވެރިންނަށް ހުރި އުނދަގޫތަކާއި ހުރަސްތައް ދެނެގަނެ އެކަންކަން ނައްތާލެވި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް ފަހި ވިޔަފާރި މާޙައުލެއް ޤާއިމްކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުވާދިނުމަށް ޚާއްޞަ މަރުކަޒުތައް ހެދުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.