ޚަބަރު

އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކުގައި ގެދޮރު ގެއްލޭ މީހުންގެ ޢަދަދު އިތުރުވަނީ


އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް އދން ބުނެފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ބާލަންޖެހެއެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އެ ތާރީޚު މި އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހަށް ފަސްކުރައްވައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތުގެ 90 އިންސައްތަ ފުރިހަމަކޮށްފައިވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންގެ ޙަމަލާތައް އިތުރުކޮށް އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ހިޖުރަވެރިންނާބެހޭ އދގެ އިދާރާއިން ބުނީ އަފްޣާނިސްތާނަށް އިންސާނީ ކާރިޘާއެއް ކުރިމަތިވުމުގެ ބިރުބޮޑުކަމަށާއި އެފަދަ ޙާލަތަކުން އެ ޤައުމު ސަލާމަތްކުރަންޖެހޭކަމަށެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެނަމަ އެ ޤައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލި ޤައުމު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދާންޖެހޭ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ ފަހުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 270،000 މީހުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެއާއެކު އެ ޤައުމުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 3.5 މިލިޔަނަށްވުރެ އިތުރުވެފައެވެ. ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ގޮސްފައިވާ މީހުން ބުނާ ގޮތުގައި އެ މީހުން އެ ގޮތަށް ޢަމަލުކުރަން ޖެހުނީ އެ މީހުން ދިރިއުޅޭ ސަރަޙައްދުގެ ސަލާމަތީ ޙާލަތު އޮތް ގޮތުންނާއި ހަނގުރާމަވެރި ޖަމާޢަތްތަކުން އެ މީހުންގެ އަތުން ފައިސާ އަތުލައި މައިމަގުތަކުގައި ގޮވައި ތަކެތި ހަރުކުރާތީއެވެ. އޭގެ އިތުރުން އިޖުތިމާޢީ ޚިދުމަތްތައް ނުލިބޭކަމަށާއި ޢާމުދަނީ ހޯދޭނެ މަގުތައް ބަންދުވެފައިވާކަމަށްވެސް އެ މީހުން ބުނެއެވެ.

އަފްޣާނިސްތާނުގައި ދެމުންދާ ޙާމަލާތަކުގައި މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އަނިޔާވި މީހުންނާއި މަރުވި ޢާންމުންގެ ނިޞްބަތް މިދިޔަ އަހަރަށްވުރެ 29 އިންސައްތަ އިތުރުވެފައިވާކަމަށް އދން ބުނެއެވެ. އެހެންކަމުން އަފްޣާނިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށާއި އަވަށްޓެރި ޤައުމުތަކަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދެމުންދާ މިންވަރު އިތުރުކުރުމަށް އެ އިދާރާއިންވަނީ ގޮވާލައިފައެވެ.