ވިޔަފާރި

އިންސައިޑްފްލަޔަރ އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ގްލޯބަލް ކެމްޕޭނެއް


އިންސައިޑްފްލަޔަރ އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ގްލޯބަލް ކެމްޕޭނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމާއި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މިކެމްޕެއިންގައި އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އިންސައިޑްފްލަޔަރ އަކީ ދުނިޔޭގެ އެކި މާކެޓްތަކަށް އަމާޒްކޮށްގެން ނެރޭ މަޤްބޫލް އޮންލައިން ޓްރެވަލް މެގަޒިންއެކެވެ.

"ރިޓާން ޓު މޯލްޑިވްސް"ގެ ނަމުގައި 7 ހަފްތާއަށް ކުރިއަށްދާ މި ކެމްޕެއިން އަމާޒްކުރަނީ ޖަރުމަންވިލާތާއި، ސްވިޓްޒަރލޭންޑާއި، އޮސްޓްރިއާ، އިނގިރޭސިވިލާތާއި، ބެނެލަކްސް ރީޖަން އާއި ސްކެންޑިނޭވިއާ އަދި ނޯތު އެމެރިކާގެ މާކެޓްތަކަށެވެ.

މި ކެމްޕެއިން ކުރިއަށްދާ ހަފްތާގައި ކޮންމެ ދުވަހަކު ރާއްޖޭގެ ރިސޯޓެއް އިޝްތިހާރުކުރުމަށްވަނީ ރާވާފައެވެ.
އެގޮތުން މި ކެމްޕެއިންގައި ބައިވެރިވެފައިވާ ރިސޯޓްތަކަކީ، ފުށިފަރު މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ، ސަން ސިޔާމް އިރުވެލި، ޖޯލު މޯލްޑިވްސް މުރަވަންދޫ، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، ރެޑިސަން ބްލޫ އާއި ކޮންރެޑް މޯލްޑިވްސްއެވެ.

އިންސައިޑްފްލަޔަރއާއެކު ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން ދުނިޔޭގެ އެކި މާރކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.
އެގޮތުން އިންސައިޑްފްލަޔަރގެ ކޮންމެ މާކެޓުތަކަށް ޚާއްސަކޮށްފައިވާ ވެބްސައިޓް، ސޯޝަލް މީޑިއާ އާއި ނިއުސްލެޓަރގައި މި ރިސޯޓްތައް އިޝްތިހާރުކުރާނެއެވެ. އެގޮތުން ޝާޢިޢު ކުރާ ކޮންޓެންޓު ގާތްގަނޑަކަށް 1.3 މިލިއަން ފަތުރުވެރިންނަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.