ޚަބަރު

ޔުނައިޓަޑަށް ބަދަލުވުމުގެ ކުރިން ސަންޗޯގެ މެޑިކަލް ފުރިހަމަކޮށްފި


ބޮރޫޝިޔާ ޑޯޓުމަންޑުން މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ޖޭޑޮން ސަންޗޯގެ މެޑިކަލް ފުރިހަމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ކުލަބަށް ސަންޗޯ ބަދަލުވަނީ 85 މިލިޔަން ޔޫރޯގެ އަގަކަށެވެ. ޔުނައިޓަޑަށް އޭނާ ގުޅެނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ މުއްދަތު އަދި ހަވަނަ އަހަރަކަށްވެސް އިތުރުކުރެވޭނެއެވެ. ސަންޗޯ ޔުނައިޓަޑަށް ސޮއިކުރާނީ އެ ކުލަބާ ގުޅޭ ހަތަރުވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

ސަންޗޯވަނީ ޑޯޓުމަންޑަށް 137 މެޗުގައި 50 ގޯލް ޖަހައި 64 އެސިސްޓުކޮށްދީފައެވެ. އޭގެ އިތުރުން އޭނާވަނީ ޑޯޓުމަންޑަށް ކުޅުނު 3 އަހަރުގެ ތެރޭގައި 2 ތަށި އެ ކުލަބަށް ހޯދައިދީފައެވެ.

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގައި ޢުމުރުން 21 އަހަރުގެ ސަންޗޯވަނީ ހިމަނާފައެވެ. ނަމަވެސް ފުރަތަމަ އެގާރާއިގައި ހިމެނިގެން އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ. އިޓަލީވިލާތުގެ ވެރިރަށް ރޯމުގައި ކުޅުނު ޔޫރޯގެ ކުއަޓަރ ފައިނަލުގެ މެޗުގައި ޔޫކްރެއިނާ ދެކޮޅަށް އޭނާވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ފައިނަލް މެޗުގައި އޭނާވަނީ އިތުރު ވަޤުތުގެ އެންމެ ފަހު މިނެޓުގައި ކުޅެން ނުކުމެ މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހުމުގައި ބައިވެރިވެފައެވެ. ނަމަވެސް އޭނާ ޖެހި ޕެނަލްޓީވަނީ މަތަކޮށްފައެވެ. އެއާއެކު އޭނާއަށްވަނީ ނަޞްލީގޮތުން ވަރަށް ބޮޑަށް ދިމާކޮށް ފުރައްސާރަކޮށްފައެވެ.

ފުޓުބޯޅަ ކެރިއަރު ސަންޗޯ ފަށައިފައިވަނީ ވޮޓުފޮޑުންނެވެ. ޢުމުރުން 14 އަހަރުގައި އޭނާވަނީ މެންޗެސްޓަރ ސިޓީގެ އެކަޑަމީއާ ގުޅިފައެވެ. އަދި ޢުމުރުން 17 އަހަރުގައި އޭނާވަނީ 10 މިލިޔަން ޔޫރޯއަށް ޑޯޓުމަންޑަށް ބަދަލުވެފައެވެ. އޭނާ ޔުނައިޓަޑަށް ބަދަލުވުމުން ސިޓީއަށް 10 މިިލިޔަން ޔޫރޯ ލިބޭނެއެވެ.