ރާއްޖެއިން ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތުން ، ބ އަތޮޅު ގޮއިދޫ ސަރަޙައްދުން ، ތެޔޮ ހުރެދާނެ ލޭޔަރއެއް ފެނިއްޖެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އޮކްޓޯބަރު މަހުގެ 18 އިން ފެށިގެން ނޮވެމްބަރ މަހުގެ 28 ގެ ނިޔަލަށް ރާއްޖޭގެ ކަނޑުގެ ސަރަަޙައްދުގައި ޚާއްޞަ ޖޮއޮލިޖިކަލް ތަހްލީލުތަކެއް ކުރިއަށް ގެންދިއުމަށްފަހު މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިފަހަރުގެ ޖިއޮލޮޖިކަލް ދިރާސާގައި ބ އަތޮޅު ގޮއިދޫގެ އިރުއުތުރާއި، އިރުދެކުނުގެ އެތެރެވަރި ކަނޑުގެ 8 ތަނެއް ތޮރުފާފައިވާކަމަށެވެ.
އަދި މިހާތަނަށް ލިބުނު ޕްރިލިމިނަރީ ހޯދުންތަކުން، ތެޔޮ ހުރެދާނެފަދަ ލޭޔަރއެއް ފެނިފައިވާ ކަމަށެވެ. އަދި ކެމިކަލް އެނަލިސިސްގެ އެހީގައި ވޮލްކަނިކް އެކްޓިވިޓީޒްގެ ސަބަބުން ފެންނަ ބައެއް މާއްދާތައް ހުރިކަމަށް ދައްކާފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ހޯދުންތަކުން ރާއްޖެއަކީ ވޯލްކަނިކް ކްރަސްޓެއްގެ މަތީގައި އޮތް ޖަޒީރާއެއް ނޫންކަމަށް ދަލީލުކޮށްދޭކަމަށާއި، ނަމަވެސް ރާއްޖެ އުފެދިފައިވަނީ ޓްރާންސިޝަނަލް ނުވަތަ ކޮންޓިނެންޓަލް ކްރަސްޓެއްގެ މަތީގައިކަން ނުވަތަ ރާއްޖެ އުފެދިފައިވާ ބިންގަޑުގައި ކޮންޓިނެންޓަލް ފްރެގްމަންޓްސް އެކުލެވިފައިވާކަން ޔަޤީންކޮށްދޭކަމަށްވެސް މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ތެޔޮ ހޯދުމަށް ކުރަމުންދާ ދިރާސާތަކުން ފެނިފައިވާ ކަނޑުގެ އަޑީގައި އުފެދިފައިހުރި ވަޅުތަކުން އަރަނީ ކޮން ބާވަތެއްގެ ގޭހެއްކަން އަދި ޔަޤީން ކުރެވިފައި ނުވިނަމަވެސް ކޮންމެވެސް މިންވަރަކަށް މީތޭން އާއި އީތޭން ގޭސް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ހޯދިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއިން ތެޔޮ ހޯދުމަށް ކުރެވޭ މަސައްކަތުގައި، ސަރުކާރާއި ގުޅިގެން އެކަން ކުރުމަށް މިހާތަނަށް 3 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް، މީގެ ތެރެއިން 2 ފަރާތެއްގެ ބީލަން ލިބި އެފަރާތާއި އެކު މަޝްވަރާކުރައްވަމުންދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މައުލޫމާތުދެއްވާ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ޙާއްޞަ ޖިއޮލޮޖިކަލް ތަހްލީލްތަކެއް ކުރިއަށް ގެންދިއުމަށް ޙަރަކާތެރިވި ބޯޓް " ޖޮއިޑްސް ރިޒޮލިއުޝަން " މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ.