ޚަބަރު

ރާއްޖޭގެ ބާޒާރަށް މޮޅުބޭސްތަކެއް ތަޢާރަފު ކުރަނީ


ދުނިޔޭގެ ފެންވަރުގެ ބޭސް އުފައްދާ ކުންފުނިތައް ރާއްޖެ ގެނައުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން – އެސް.ޓީ.އޯ-އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޖާރމަނީގެ ބޭހާއި ކެމިކަލް އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏެއްކަމަށްވާ މަރކް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސް ވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.މިއަހަރުގެ ޖޫން މަހު ސޮއިކުރެވުނު މި އެއްބަސްވުމާއި ގުޅޭގޮތުން މީޑިއަށް މަޢުލޫމާތުދެއްވަމުން އެސް.ޓީ.އޯގެ ޖެނެރަލް މެނޭޖަރ މެޑިކަލް ސާރވިސަސް ޙުސައިން ސޮބާހް ވިދާޅުވީ ރާއްޖޭގައި ހުރި އެސް.ޓީ.އޯގެ 186 ފާމަސީއަށް ބޭނުންވާ ބޭސް ހެޔޮ އަގުގައި ފޯރުކޮށްދެވޭނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިފަދަ ކުންފުނިތަކާއި ގުޅިގެންކަމަށެވެ.މިދިޔަ ޖޫން މަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް މިއޮތް އަހަރުގެތެރޭގައި ރާއްޖެއަށް މުޅިން އާ، މޮޅު ބޭސްތަކެއް، ރާއްޖޭގެ ބާޒާރަށް ތަޢާރަފު ކުރެވިގެން ދާނެކަމަށާއި، މިބޭސްތައް އަވަސް މުސްތަޤުބަލެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެސް.ޓީ.އޯގެ ފާމަސީތައް މެދުވެރިކޮށް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެސް.ޓީ.އޯއިން މައުލޫމާތުދެއެވެ. މި އެއްބަސްވުމުގެ ދަށުން ޑޮކްޓާރސް ޓްރެއިނިންގް ޕްރޮގްރާމަކާއި، ޑޮކްޓަރުންނަށް ބޭނުންވާ އެކިކަހަލަ ސިމްޕޯސިއަމްތައް ބޭއްވޭނެކަމަށްވެސް އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މެޑިކަލް ސާރވިސަސް ހުސެން ސޮބާހް ވިދާޅުވިއެވެ. މަރކް ކުންފުނީގެ ޕްރޮޑަކްޓް ރޭންޖަކީ ކާޑިއޮލޮޖީއާއި ޑައިބަޓަލޮޖީއާއި އޮންކޮލޮޖީ ޕްރޮޑްކްތައްކަމަށް އެސްޓިއޯއި މައުލޫމާތުދެއެވެ.