ޚަބަރު

ޢިރާޤުގެ ހަސްފަތާލެއްގައި އަލިފާން ރޯވެ 60އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ޢިރާޤުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަ ހަސްފަތާލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިޘާއެއްގައި 60އަށްވުރެ މީހުން މަރުވެ 100 މީހުން ޒަޚަމުވެއްޖެއެވެ.

ޢިރާޤުގެ ނާޞިރިއްޔާގައި ހުންނަ އަލްޙުސައިން ހަސްފަތާލުގައި އަލިފާން ރޯވެފައިވަނީ އޮކްސިޖަން ޓޭންކެއް ގޮވުމުގެ ސަބަބުންކަމަށް ބެލެވެއެވެ. ރޯވި އަލިފާނުގެ ސަބަބުން ބައެއް ވޯޑުތަކުގައި ގިނަ ޢަދަދެއްގެ ބަލިމީހުން ތާށިވެ އެ މީހުން ސަލާމަތްކުރުމަށް ބޮޑެތި ހުރަސްތަކެއްވަނީ އެޅިފައެވެ. އެހެންކަމުން އެ ޙާދިޘާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވެއެވެ.

ޢިރާޤުގެ ބޮޑުވަޒީރު މުސްޠަފާ އަލްކާޟިމީވަނީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ނާޞިރިއްޔާ ސިޓީގެ ޞިއްޙީ އަދި މަދަނީ ދިފާޢީ އިސްވެރިން މަޤާމުން އެކަހެރިކޮށް ޙައްޔަރުކުރުމަށް ޢަމުރުކުރައްވައިފައެވެ.

ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވީރާނާވެފައިވާ ޢިރާޤުން ދަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ ދަތިތަކަކާ ކުރިމަތިލަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 1.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 17،592 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
މިދިޔަ އޭޕުރިލް މަހުގެ ތެރޭގައިވެސް ޢިރާޤުގެ ބަޣުދާދުގައި އޮކްސިޖަން ޓޭންކެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިޘާއެއްގައި 82 މީހުން މަރުވެ 110 މީހުންވަނީ ޒަޚަމުވެފައެވެ.