ޚަބަރު

އީރާނުގެ ނިއުކްލިޔަރ މައްސަލަ ސަލާމަތީ މަޖިލީހަށް ގެންދާތީ ނުރުހުން


ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އީރާނުގެ ނިއުކްލިޔަރ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް، ދުނިޔޭގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާ، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބޯޑު އޮފް ގަވަރނަރުން ނިންމި ނިންމުން ބަލައިނުގަނެ، އެކަމާ ދެކޮޅަށް އީރާނުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބާބާދީ މީސްމީޑިއާގައި ޙިއްޞާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އައިއޭއީއިން ފާރަވެރިވާ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއާއި ޒަޔަނިސްޓް ޔަހޫދީ ދައުލަތުން ދިން ހަމަލާތަކުގެ ސަބަބުން، އެ އިދާރާގެ އިންސްޕެކްޝަންތަކަށާއި ކަންކަން ކަށަވަރުކުރުމުގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.

"އެ ފަރާތްތަކުން އަޅުގަނޑުމެންގެ ރައްކާތެރިކުރެވިފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދީ، އާންމު އުސޫލުން ކަންކަން ބެލެހެއްޓުމުގެ ނިޒާމަށް ގަސްދުގައި ހުރަސްއެޅިއެވެ. އަދި އޭގެފަހުގައި އެ ހުރަސްތައް ބަހަނާއަކަށް ހަދައިގެން، އައިއޭއީއޭގެ ބޯޑު މެދުވެރިކޮށް މިފަދަ ނިންމުމެއް ނިންމުމަށް އެދަނީ މަސައްކަތް ކުރަމުންނެވެ،" އޭނާ ވިދާޅުވިއެވެ.

މިއީ ބޮޑު "އޮޅުވާލުމެއް" ކަމަށް ސިފަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، މިފަދަ މަކަރުވެރި ޢަމަލުތަކުން ހުޅަނގާއި ޔަހޫދީ ދައުލަތުގެ ނާކާމިޔާބު ސިޔާސަތުތައް ނުފޮރުވޭނެ ކަމަށާއި، މި މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ގެންދިޔަކަމުގައި ވީނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

އައިއޭއީއޭގެ ބޯޑު އޮފް ގަވަރނަރުން ފާސްކުރި ޤަރާރުގައި ބަޔާންކޮށްފައިވަނީ، އީރާނުގެ ނިއުކްލިޔަރރ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މަޢުލޫމާތު ދިނުމަށާއި، ތަންތަން ބަލައި ފާސްކުރުމުގެ ފުރުޞަތު ދިނުމަށް އީރާނުން އިންކާރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މި މައްސަލަ އދގެ ސަލާމަތީ މަޖިލީހަށާއި އާންމު މަޖިލީހަށް ހުށަހެޅުމަށް އެ ޤަރާރުގައި ވަނީ ކަނޑައަޅައިފައެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު ހިނގައިދިޔަ 12 ދުވަހުގެ ހަނގުރާމައިގައި، އެމެރިކާއާއި ޔަހޫދީން ދިން ޣައިރުޤާނޫނީ ހަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އަދި އެ ހަމަލާތަކާ ގުޅިގެން، ސަލާމަތީ އަދި ފަންނީ ގޮތުން ދިމާވި މައްސަލަތަކުގެ ސަބަބުން، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އެ ތަންތަނަށް ވަނުމުގެ ހުއްދަ ދިނުން އީރާނުން ވަނީ ވަގުތީގޮތުން ހުއްޓުވައިފައެވެ.