ވިޔަފާރި

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް އަލުން ވިސާ ދޭން ފަށަނީ


ދެކުނު އޭޝިއާ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލައިފިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލާފައިވަނީ މިދިޔަ މޭއި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ދެކުނު އޭޝިއާ ޤައުމުތަކުގެ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލީ ކޯވިޑް-19 ފެތުރޭ މިންވަރު ބޮޑު ތަނުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭން އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުންނެވެ. އަދި އޭގެ ކުރިން އެޗްޕީއޭއިން ވަނީ ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން ވެސް މަނާކޮށްފައެވެ.

މިފިޔަވަޅުތަކަށް ލުއި ދެމުން އެޗްޕީއޭއިން ނެރެފައިވާ އިއުލާނުގައި، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެ އެތެރެވުމަށް ހުޅުވާލެވޭނެކަމަށެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ރާއްޖެއަށް ފަތުރުވެރިން އެތެރެވެވުނު ނަމަވެސް، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަޑުކޮށް ގެސްޓް ހައުސްތަކަށް ޗެކްއިން ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މާލޭގައި ޓްރާންސިޓްވާ ފަތުރުވެރިން ޓޫރިޒަމް މިނިސްޓްރީން ކަނޑައާޅާ އުސޫލެއްގެ މަތިން ކަނޑައާޅާ ގެސްޓުހައުސްތަކުގައި ޓްރާންސިޓުވުމަށް މަޑު ކުރެވިދާނެ ކަމަށް އެޗްޕީއޭން ވަނީ އަންގާފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި މި ސަރަހައްދުގެ ޤައުމުތަކުގެ ފަތުރުވެރިން މަޑުކުރުމާމެދު މިމަސް ނިމުމުގެ ކުރިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ މާކެޓުގައި އިންޑިއާއިން މިހާތަނަށް %16.6 ހިއްސާކުރެއެވެ. ރާއްޖެއަށް މިމަހުގެ މިހާތަނަށް 31،000 އަށް ވުރެ ގިނަ ފަތުރެވެރިން އައިސްފައިވާއިރު، މިއަހަރު މިހާތަނަށް 541،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ.