ޚަބަރު

ކުރީގެ ނޫޓުތަކަށް ބަދަލުދޭނީ މިމަހުގެ ނިޔަލަށް - އެމްއެމްއޭ


ރަންދިހަ ފަހެއް ސީރީޒްގެ ނޫޓުތަކުގެކުރިން ބޭނުންކުރަމުންއައި ކަރުދާސް ނޫޓުތަކަށް ބަދަލުދޭނެ އެންމެފަހުގެ ތާރީޚަކީ މިމަހުގެ 31ވަނަ ދުވަސްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެމްއެމްއޭ މެދުވެރިކޮށް 2016ވަނަ އަހަރުންފެށިގެން އުވާލާފައިވާ ފައިސާގެ ނޫޓުތަކަށް ބަދަލު ނުހޯދާނަމަ އެނޫޓޫތައް ދެން ބަދަލުކޮށް ނުދޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ރަންދިހަ ފަހެއް ނޫޓު ސީރީޒް 2016ވަނަ އަހަރު ބޭނުންކުރަން ފެށިއިރު އޭގެ ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތަކަށް ބަދަލުދޭން އެމްއެމްއޭއިން ކަނޑައަޅާފައިވަނީ ވަކި މުއްދަތެއްކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އެގޮތުން މިމުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 31ވާ ހޮނިހިރު ދުވަސްކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ކުރިއަށްއޮތީ ޢިދު ބަންދާއި ރާއްޖޭގެ މިންވަންދުވަހާ ގުޅިގެން އަންނަ ބަންދު ދެހަފްތާކަމަށްވުމުން މިގޮތަށް ކުރީގެ ނޫޓު ބަދަލުކުރުމަށް މިއޮތީ މިހަފްތާގެ މުއްދަތެވެ.

އެމްއެމްއޭއިން ވިދާޅުވީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ކުރީގެ ނޫޓު ބަދަލުކުރުމަށް އެމްއެމްއޭއަށް ދިޔުމުން ވަގުތުން ބަދަލުކޮށްދޭނެކަމަށެވެ. އެއިދާރާއިން ހާމަކުރައްވާގޮތުގައި ރަންދިހަ ފަހެއް ސީރީޒް ނިކުތްއިރު ބާޒާރުގައި ދައުރުވަމުންދިޔަ 2.9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް %95 ނޫޓުތައް އެމްއެމްއޭއަށް ލިބިފައިވާކަމަށެވެ. އަދި ބަދަލުނުކޮށްހުރީ ކުރީގެ ގާތްގަނޑަކަށް %5 ނޫޓުތައްކަމަށެވެ.

އެމްއެމްއޭއިން މިހާރު ބަދަލު ދެމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2016ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 2 ރުފިޔާއާއި 10 ރުފިޔާއާއި 20 ރުފިޔާއާއި 20 ރުފިޔާއާއި 50 ރުފިޔާއާއި 100 ރުފިޔާއާއި 500 ރުފިޔާގެ ނޫޓުތަކަށާއި ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން 1 ޖަނަވަރީ 2018 އިން ފެށިގެން ލީގަލްޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 5 ރުފިޔާގެ ކަރުދާސް ނޫޓު ތަކަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކަރުދާސް ނޫޓުތަކުގެ ތެރެއިން 1990 އަދި 1996ގެ ތާރީޚުގެ ނޫޓުތަކަކީ 2007ވަނަ އަހަރު ލީގަލް ޓެންޑަރ އެއް ނޫން ކަމުގައި ކަނޑައަޅައި 2008ވަނަ އަހަރުގެ ނިޔަލަށް ބަދަލު ހޯދުމުގެ މުއްދަތު ހަމަވެފައިވާ ނޫޓުތަކެއްކަމުން މިހާރު ހުޅުވާލާފައިވާ މުއްދަތުގައި މި ނޫޓުތަކަށް ބަދަލު ނުދޭނެކަމަށްވެސް އެމްއެމްއޭއިން ހާމަކުރައްވައެވެ.