ޚަބަރު

ޤައުމުން ބޭރަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި ޢުންމާނުގެ ރަސްގެފާނު ސަޢުދީ ޢަރަބިއްޔާއަށް


ޢުންމާނުގެ ރަސްގެފާނު ހައިތަމު ބިން ޠާރިޤު އާލްސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި ޢުންމާނުގެ ރަސްކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ބޭރު ޤައުމަކަށް އޭނާ ކުރައްވައި ފުރަތަމަ ދަތުރުފުޅެވެ.

ސަޢުދީ ޢަރަބިއްޔާއަށް ހައިތަމު ބިން ޠާރިޤު ކުރައްވައި ދެ ދުވަހުގެ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި ޔަމަނުގެ ހަނގުރާމައާ އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރުމާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވާނެއެވެ. ޔަމަނާއެކު ސަރަޙައްދީ ރޮނގެއް ޙިއްޞާކުރާ ޢުއްމާނުން މަސައްކަތްކުރަނީ ޔަމަނުގެ އިދިކޮޅު ހޫޘީންނާއި ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށެވެ.

2014ވަނަ އަހަރުގެ ތެރޭގައި ތެލުގެ އަގުތައް ވެއްޓުމުގެ ސަބަބުން ޢުންމާނުގެ އުފެއްދުންތެރިކަމުގެ ނިޞްބަތް ދަށްވެ އެ ޤައުމުގެ ދަރަނިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޢުންމާނުގެ ރައްޔިތުންވަނީ އެ ޤައުމުގެ އިޤްތިޞާދީ ޙާލަތާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ކަންބޮޑުވެފައެވެ. އެ ގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް މަދުވުމުން މަގުތަކަށް ނުކުމެ މުޒާހަރާވެސް ކޮށްފައިވެއެވެ.

ޢުންމާނުގެ ރަސްގެފާނު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވައި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކޮށް ބެލެހެއްޓުމަށް ޖޮއިންޓު ކޯޑިނޭޝަން ކައުންސިލެއް ޤާއިމުކުރުމަށްވަނީ އެއްބަވެވަޑައިގެންފައެވެ.