ޚަބަރު

އައްޑޫ ސިޓީގައި ބޭއްވި "ރައްކާ" ރޯޑް ޝޯ ނިންމާލައިފި


މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ހަ ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ރައްކާ ރޯޑު ޝޯވ ގެ ހަރަކާތްތައް ނިންމާލައިފިއެވެ.މިމަހުގެ އެކާވީހުން ސައްބީހު ގެ ނިޔަލަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ވަނީ ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ.ރައްކާ ރޯޑް ޝޯވ ނިންމުމުގެ ގޮތުން ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރޯޑު ޝޯވއަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ އައްޑޫ ސިޓީގެ ކޮމާންޑަރއެވެ.ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުލުހުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ހޭލުންތެރިކުރުވުމުގެ ގޮތުން ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓެކްސީ ޑްރައިވަރުންގެ އިތުރުން ދަޢުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އެކި ސެޝަންތައް ހިންގާފައެވެ.މި ސެޝަންތަކުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، ޤާނޫނުތަކަށް އަމަލު ކުރަންޖެހޭ ސަބަބާއި، ފަރުދީ ޒިންމާއާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.މީގެ އިތުރުން މަގުމަތީގައި ދުއްވާ އުޅަނދުތައް ޗެކްކުރުމާއި ގުޅޭ ޚާއްސަ އޮޕަރޭޝަންތައް ހިންގާފައިވާއިރު އައްޑޫ ސިޓީގެ އެކި މަގުތަކުގައި ޕިކަޕް ބުރުތަކެއް ވަނީ ބާއްވާފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން އައްޑޫ ސިޓީގެ ހިތަދޫގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައިވެއެވެ.