ޔޫރޯ 2020 ފުޓުބޯޅަ މުބާރާތް އިޓަލީވިލާތުން ކާމިޔާބުކޮށްފިއެވެ.
53 އަހަރުގެ ދިގު އިންތިޒާރާކަށްފަހު އިޓަލީވިލާތުން ޔޫރޯ ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އިނގިރޭސިވިލާތާ ދެކޮޅަށް ނުކުތް އިޓަލީވިލާތުން ޕެނަލްޓީ ޖަހައިގެން ފައިނަލް މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ވެންބްލީ ސުޓޭޑިޔަމުގައި ކުޅުނު ފައިނަލް މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ 15 މިނެޓުގެ އިތުރު ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ނަތީޖާ އޮތީ 1-1ން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ އިނގިރޭސިވިލާތުންނެވެ. މެޗުގެ 2ވަނަ މިނެޓުގައި އެ ލަނޑު ޖަހާފައިވަނީ މެންޗެސްޓަރ ޔުނައިޓަޑަށް ކުޅޭ 26 އަހަރުގެ ލޫކް ޝޯއެވެ. އެއީ އޭނާ ޤައުމީ ޓީމަށް ޖަހާދިން ފުރަތަމަ ލަނޑެވެ. އިޓަލީވިލާތުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 67ވަނަ މިނެޓުގައި ޔުވެންޓަސަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ ލިޔަނާޑޯ ބޮނުއްޗީ ޖެހި ލަނޑުންނެވެ. ޢުމުރުން 34 އަހަރުގެ ބޮނުއްޗީއަކީ ޔޫރޯގެ ފައިނަލް މެޗެއްގައި ލަނޑު ޖެހި ޢުމުރުން އެންމެ ދޮށީ ކުޅުންތެރިޔާއެވެ.
އިނގިރޭސިވިލާތުން ޖެހި 5 ޕެނަލްޓީގެ ތެރެއިން ޖޭޑަން ސަންޗޯއާއި ބުކަޔޯ ސަކާ ޖެހި ޕެނަލްޓީތައް އިޓަލީވިލާތުގެ ކީޕަރު ޖިޔަންލުއިޖީ ޑޮނަރުންމާވަނީ މަތަކޮށްފައެވެ. އޭގެ ކުރިން މާކަސް ރަޝްފޯޑު ޖެހި ޕެނަލްޓީ އަމާޒުވެފައިވަނީ އަރިމަތީ ދަނޑިއަށެވެ. އިޓަލީވިލާތުން ޖެހި 5 ޕެނަލްޓީގެ ތެރެއިން އެންޑުރިޔާ ބެލޮއްޓީއާއި ޖޯޖީނިޔޯ ޖެހި ޕެނަލްޓީތައްވަނީ އިނގިރޭސިވިލާތުގެ ކީޕަރު ޖޯޑަން ޕިކްފޯޑު މަތަކޮށްފައެވެ.
ފައިނަލް މެޗުން ބަލިވުމުން އިނގިރޭސިވިލާތުންވަނީ ބައިނަލްއަޤްވާމީ މުބާރާތެއް ކާމިޔާބު ނުކުރެވި ދިގު އިންތިޒާރެއް އަނެއްކާވެސް ކުރަން ޖެހިފައެވެ. އިނގިރޭސިވިލާތުން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 1966ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އިނގިރޭސިވިލާތުން ހަމައެކަނި ވޯލްޑު ކަޕު ކާމިޔާބުކުރި އަހަރެވެ. އެއީ ބައިނަލްއަޤްވާމީ މުބާރާތެއް އިނގިރޭސިވިލާތުން ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
އިޓަލީވިލާތުން ފައިނަލް މެޗަށް ނުކުމެފައިވަނީ އެންމެ ފަހުން ކުޅުނު 33 މެޗުން ބަލިނުވެއެވެ. އަދި މީގެ ކުރިން މުހިންމު މެޗަކުން އިނގިރޭސިވިލާތުގެ އަތުން އިޓަލީވިލާތް ބަލިވެފައެއްވެސް ނެތެވެ. އެއީ 1968ވަނަ އަހަރުގެ ތެރޭގައި ޔޫރޯ ކާމިޔާބުކުރިފަހުން އިޓަލީވިލާތުން އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް 2000ވަނަ އަހަރާއި 2012ވަނަ އަހަރުގެ ފައިނަލުގައި އިޓަލީވިލާތުންވަނީ ކުޅެފައެވެ. ދެ ފަހަރު ޔޫރޯ ކާމިޔާބުކުރުމުގެ އިތުރުން އިޓަލީވިލާތުންވަނީ ހަތަރު ފަހަރެެއްގެ މަތިން ވޯލްޑު ކަޕު ކާމިޔާބުކޮށްފައެވެ.