ޚަބަރު

އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ޕާލިމެންޓްރީ އިންކުއަރީގެ ރިޕޯޓު އެރުވީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅިގެން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާފައިވާ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު މަޖިލީހުން ފާސްކުރައްވާފައިވަނީ މިދިޔަ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެމުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.