ޚަބަރު

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ - ރައީސް ނަޝީދު


މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އަވާހާރަކޮއްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅޭ ޕާލަމެންޓަރީ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ރައިސް ނަޝީދަށް އެރުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތާރީޚުގެ ތެރެއިން މިއީވެސް މުހިންމު ދުވަހެއްކަމަށެވެ.

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ހިފަހައްޓަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ޚާއްސަ ބާރުތަކެއް ލިބިދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތަކުގެ ތެރެއިން ކުރެވިގެންދިޔަ މުހިއްމު މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި އުއްތަމަ ފަނޑިޔާރުވެސް ރިޕޯޓާއި ގުޅޭގޮތުން އަޅުންވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަވަހަށް އަޅުއްވާނެނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު އަވަހާރަކޮއްލަން ދިން ހަމަލާއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދިމާވެފައި މިވަނީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، މިފަހަރު އެމަނިކުފާނަށް ހަމަލާ އަމާޒުކުރިނަމަވެސް، އެފަދަ ހަމަލާތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ދިމާވެފައިމިވަނީ ވަރަށް ބޮޑު މައްސަލައެއް. އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުގެ ޒާތާ ގުޅޭ މައްސަލައެއްނޫން. ކަން ދިމާކުރި ގޮތުން މިފަހަރު އަޅުގަނޑު މަރާލުމަށް ބަޔަކު ރޭވި ރޭވުމެއް ނާކާމިޔާބުވެގެންދިޔައީ. އެހެން ނަމަވެސް އެރޭވުން ކާމިޔާބުގެ ތުންފަތްމައްޗަށް އެމީހުން ގެނައި. އެއީ އަޅުގަނޑުމެން ކަން ބޮޑުވާންޖެހޭނެކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިންކުއަރީގައި ފާހަގަކޮސްފައިވާ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކޮށްފިނަމަ ރައްޔިތުންނަށް ލިބޭނެގެއްލުން ބޮޑުކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އިޤްތިސާދާއި ގުޅިފައިވާ އެތައްކަމަކަށް ބޮޑު ގެއްލުމެއް ލިބިގެން ހިނަގއިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށްކަމަށްވާއިރު، އެވިޔަފާރި ހިންގަމުންދަނީ ރާއްޖެއަކީ ސުލްހަވެރި، އަމާންތަނަކަށްވާތީކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ދިވެހި ރާއްޖެއަކީ ބޮންގޮއްވާ ތަނެއްގެ ގޮތުގައި، ދިވެހިރާއްޖެއަކީ ޤައުމުގެ އެކިއެކި ވެރިންނަށް ފަސޭހަކަމާއެކުގައި ޙަމަލާދެވޭ ތަނެއްގެ ގޮތުގައި ދުނިޔެއަށް ފާހަގަވާން ފަށައިފިނަމަ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން އެންމެ ފުރަތަމަ ފެނިގެންދާނީ ހަމައެކަނި ބަޔަކު މަރުވެ ފުރާނަ ގެއްލިގެނެއްނޫން. އެތައް ބައެއްގެ ވަޒީފާގެ ފުރުސަތު ގެއްލޭނެ. އެތައްބައެއްގެ އާމްދަނީ ދެއްލި ދިރިއުޅުން ނިކަމެތި ވެގެންދާނެ" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދުވަނީ ހަމަލާއާއި ގުޅިގެންނާއި، ޚައްސަކޮސް އިންކުއަރީ ރިޕޯޓުގައިވާ ކަންކަމާއި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން އަޅުއްވަން ޖެހިވަޑައިގަންވާ ފިޔަވަޅުތަކާއި ބައްލަވަންޖެހިވަޑައިގަންވާ ކަންކަން ވީހާވެސް އަވަށް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން އިންކުއަރީ ރިޕޯޓުގައި ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ބައެއްކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭކަމަށާއި އެކަންކަން އަވަހަށް ރަނގަޅުކުރެއްވުމަށާއި، ރިޕޯޓުގައި އިސްލާޙުކުރަން ހިމަނާފައިވާ ކަންކަމާއި ހުށައެޅުންތަކާއި އިރުޝާދުތައް ބަލައިގަނެ އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަލައިގަތުމަކީ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންތެރިކަމެއްކަމަސްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ޝަރީއަތް މެދުވެރިކޮށް ހިންގަންޖެހޭ ކަންކަން ހިންގުމުގައި އަމަލުކުރަންވީގޮތައްވެސް ރިޕޯޓުގައި ކަންކަމުން އުއްތަމަ ފަނޑިޔާރަށްވެސް ފާހަގަކުރެވިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.