ވިޔަފާރި

އެންމެފަހުން ދެއްވި ލުޔާއެކު ފެން ބިލުތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް!


ކޯވިޑާއި ގުޅިގެން ފެން ބިލްތަކުން 15 މިލިއަން ރުފިޔާ ގާތްކުރާ އަދަދަކަށް ޑިސްކައުންޓް ދީފައިވާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކަރަންޓާއި ފެން ބިލުތަކަށް ލުޔެއް ދެއްްވުމަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ. އެގޮތުން އެންމެ ފުރަތަމަ ބިލުތަކުން ޑިސްކައުންޓް ދިނުމަށް ނިންމީ މިދިޔަ އަހަރު އެޕްރީލް އަދި މޭއި މަހުގެ ބިލުންނެވެ. އޭގެ ފަހުން އަނެއްކާވެސް، މިއަހަރު މޭއި މަހުގެ ފަހުކޮޅު ރައީސުލްޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ފެނާއި ކަރަންޓު ބިލުން އަނެއްކާވެސް ސަބްސިޑައިޒް ސަރުކާރުކޮށްދޭނެ ކަމަށް އިއުލާން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. މިގޮތުން މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ، ފެންބިލުން %30 ޑިސްކައުންޓެއް އަދި ވިޔަފާރި ކުރާ ތަންތަނުން %20 ޑިސްކައުންޓެއް ދިނުމަށް ނިންމާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ކޮވިޑުގެ ހާލަތާ ގުޅިގެން އެކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިތަކެއް ދިމާވި ކަމަށެވެ. ނަމަވެސް ކުންފުނިން މަސައްކަތް ބައްޓަންކުރީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތް މެދުނުކެނޑިފޯރުކޮށް ދިނުމަށްކަމަށެވެ.

ޝާހު ވިދާޅުވީ، އެންމެފަހުން ފެން ބިލްތަކުން ދެއްވަން ރައީސް އިއުލާންކުރެއްވި ލުޔާއެކު ހިދުމަތް ހޯދަމުންދާ 70000 ކަސްޓަމަރުންގެ ބިލުތަކަށް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ. އަދި އެގޮތުން ދެވުނު ޑިސްކައުންޓް 15 މިލިއަން ރުފިޔާއަށް އަރާކަމަށް ޝާހު ވިދާޅުވިއެވެ.

އެންމެފަހުން ދިން ޑިސްކައުންޓްގައި ފެން ބިލުތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާއިރު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމްޑަބްލިއުއެސްސީ މެދުވެރިކޮށް މިހާތަނަށް، 25.2 މިލިއަން ރުފިޔާ ފެން ބިލުތަކުން ވަނީ އުނިކޮށްދީފައެވެ. މިއީ 84187 ގޭބީސީ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ސްޓެލްކޯ އަދި ފެނަކައިން ވެސް ފެން ބިލުން ވަނީ އުނިކޮށްފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 26 މިލިއަން ރުފިޔާ މިކުންފުނިތަކުގެ ފެން ބިލުން ވަނީ އުނިކޮށްދީފައެވެ.

ސަރުކާރުން ފެނުގެ އިތުރުން ކަރަންޓު ބިލުންވެސް ވަނީ އުނިކޮށްދީފައެވެ. އެގޮތުން ގޭބިސީ ތަކުގެ ކަރަންޓް ބިލްތަކުން %40، އަދި ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލްތަކުން %20 އުނިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ކަރަންޓާއި ފެން ބިލުތަކުން ލުއިތައް ދެއްވުމުގެ އިތުރުން، އިންޓަރނެޓާއި ޒަރޫރީ އެހެން ޚިދުމަތްތަކާއި ތަކެތީގެ އަގުތައްވެސް ސަރުކާރުން ވަނީ ކުޑަކޮށްދެއްވާފައެވެ. މިކަންކަމާއެކު ރާއްޖެވެފައިވަނީ ކޯވިޑުން ކުރިމަތިވި ގެއްލުންތަކުން އެންމެ އަވަހަށް އަރައިގަންނަމުން އަންނަ ޤައުމުތަކުގެ ތެރޭގައެވެ.