ވިޔަފާރި

ޓުއަރިޒަމް މާސްޓަރ ޕްލޭންގެ ކޮންސަލްޓަންޓުން ހޯދުމަށް އިތުރު މުއްދަތެއް


ފަސް ވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭންގެ ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފިއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްލޭނަށް 10 ކޮންސަލްޓެންޓުން ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ. މިއީ ކުރިއަށް އޮތް ފަސް އަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ތައްޔާރު ކުރެވޭ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ކޮންސަލްޓެންޓުން ހޯދައި އައްޔަން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އޭޑީބީގެ ފަރާތުންނެވެ. އެގޮތުން 9 ދިވެހި ކޮންސަލްޓެންޓުން ނަގާއިރު، ލީޑް ކޮންސަލްޓެންޓެއްގެ ގޮތުގައި ނަގާނީ ބޭރުގެ ފަރާތެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ 9 ދިވެހި ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިޢުލާންގެ މުއްދަތު އިތުރުކުރުމަށް އޭޑީބީން އަންގާފައިވާ ކަމަށެވެ. އެގޮތުން ކޮންސެލްޓެންޓުން ހޯދުމަށް އިއުލާން ކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ތިމާވެށި، އިންސާނީ ވަޞީލަތުގެ ދާއިރާ، އިޖްތިމާޢީ ސަޤާފަތުގެ ދާއިރާ، ފަތުރުވެރިކަމުގެ މާކެޓިންގް އަދި ޕްރޮޑަކްޓް ޑިވެލޮޕްމެންޓް ދާއިރާއަށްް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 15ވަނަ ދުވަހެވެ.

މެރިން އަދި ލިވަބޯޑް ދާއިރާ ފަތުރުވެރިކަމުގެ ދާއިރާއިން ސެކިއުރިޓީ، ލީގަލް، ބިޒްނަސް ޑިވެލޮޕްމެންޓް އަދި ޕޮލިސީ ކޮންސަލްޓެންޓަކަށްވުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13ވަނަ ދުވަހެވެ.

މިފަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޯވިޑުން އަރައިގަތުމަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.