ކުޅިވަރު

އާޖެންޓިނާ ކޮޕަރގެ ޗެމްޕިއަނުންނަށް، މެސީގެ ފުރަތަމަ ބޮޑު ކާމިޔާބީ


ބްރެޒިލް ބަލިކޮށް ކޮޕަރ އެމެރިކާގެ ތަށި އާޖެންޓީނާ އުފުލާލައިފިއެވެ. ރޭ ފަތިހު ކުޅުނު ފައިނަލް އާޖެންޓީނާ ކާމިޔާބުކުރީ 1-0 ގެ މޮޅަކުންނެވެ. އާޖެންޓީނާއަށް މުބާރާތަކުން ޗެމްޕިއަންކަން މި ލިބުނީ 28 އަހަރަށްފަހުއެވެ.

އާޖެންޓީނާ އެންމެ ފަހު މުބާރާތަކުން ޗެމްޕިއަންކަން ހޯދާފައިވަނީވެސް ކޮޕަރ އެމެރިކާއިންނެވެ. އެއީ 1993 ވަނަ އަހަރުގެ މުބާރާތެވެ. އޭގެފަހުން ބޮޑެތި 16 މުބާރާތެއްގައި ކުޅުނު ނަމަވެސް ތައްޓެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް މީވީ 28 އަހަރުގެ ތެރޭގައި 5 ފައިނަލެއްގައި އެޓީމުން ވަނީ ވާދަކޮށްފައެވެ.

އެތައް އަހަރެއް ފަހުން އާޖެންޓީނާއަށް ލިބުނު މިކާމިޔާބު އެންމެ ހާއްސަ ވަނީ އެޓީމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަޤަބު ހޯދާފައިވާ ލިއޮނަލް މެސީއަށެވެ. އުމުރުން 34 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅެން ފެށި ފަހުން މީ އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ބްރެޒިލްގެ މައްޗަށް ލީޑު ނަގާފައެވެ. މެޗްގެ 21 ވަނަ މިނެޓްގައި ބްރެޒިލްގެ ގޯލް ކީޕަރުގެ ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލާ މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ ޑިމާރިއޯއެވެ. އާޖެންޓީނާގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ޑިމާރިއޯ ބްރެޒިލްގެ ގޯލެތެރެއަށް އޮއްސާލީ ބްރެޒިލްގެ ޑިފެންޑަރ ރެނަން ލޯޑީ ކައިރިން ފަސޭހައިން ދެމި ގަނެ އޭރިއާގެ ތެރެއަށް ވަނުމަށްފަހުއެވެ.