ކުޅިވަރު

ޖެހިޖެހިގެން 4 ވަނަ ފަހަރަށް ނިއުރޭޑިއަންޓުން ލީގް ކާމިޔާބުކޮށްފި


ޖެހިޖެހިގެން 4 ވަނަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ދިވެހި ލީގް ކާމިޔާބުކޮށްފިއެވެ.ލީގުގެ ބާކީ އެއް މެޗް އޮއްވާ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ނިއުރޭޑިއެންޓް ކާމިޔާބުކޮށްފައިވަނީ މާޒިޔާއާ ވާދަކޮށް 3-1 ލަނޑުންނެވެ.އުރީދޫ ދިވެހި ޕްރިމިއަރ ލީގް ނިއުރޭޑިއެންޓް ކާމިޔާބުކޮށްފައިވަނީ 32 ޕޮއިންޓް ހޯދައިގެންނެވެ.ލީގުގެ ދެވަނާގައިވާ ޓީސީ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ނިއުރޭޑިއެންޓް ދެން ވާދަ ކުރުމަށް ލީގުގައި ބާކީ އޮތީވެސް ދެވަނާގައިވާ ޓީސީ މެޗެވެ. މިމެޗުން ޓީސީ މޮޅުވިނަމަވެސް ޓީސީއަށް ލިބޭނީ 31 ޕޮއިންޓެވެ. އެހެންކަމުން މަޒިޔާގެ މައްޗަށް ކުރި ހޯދުމުން ނިއުއަށްވަނީ ލީގް ކަށަވަރުވެފައެވެ. އަދި ނިއުއަށް މިފުރުސަތު ލިބިގެންދިޔައީ ލީގުގައި ޓީސީއާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗް 0-0 އިން އެއްވަރުވުމާ ގުޅިގެންނެވެ. މިމެޗްގައި ނިއުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަޙުމަދު ސުހެއިލް ،ހަމްޒާ މުޙައްމަދު އަދި ކަރަމްއެވެ. މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ޔާމީންއެވެ.ނިއުއަށް ލީގް ޗެންޕިއަންކަން ލިބުމާ ގުޅިގެން މިއަންނަ އަހަރު އޮންނަ އޭއެފްސީ ކަޕުން ނިއުއަށްވަނީ ފުރުސަތު ލިބިފައެވެ. އޭއެފްސީކަޕްގެ ދެވަނަ ފުރުސަތު ލިބިފައިވަނީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ.ލީގް ކާމިޔާބުކުރުމާ ގުޅިގެން ނިއުއަށް ޓްރޮފީއާއެކު 1 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ. ނިއު އަށް ލީގު ޓްރޮފީ ހަވާލުކުރުން އޮންނާނީ ބުދަ ދުވަހުގެރޭ ޓީސީއާ ނިއު ބައްދަލުކުރާ މެޗްއަށްފަހުގައެވެ.