ޚަބަރު

ޔޫރޯގައި ޓީމުތަކުން ބުރަތަކެއް އުފުލާފައިވާކަމަށް ޔޫއޭފާއިިިިިިިިިިިިިިިިިިިިން އެއްބަސްވެއްޖެ


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް ވެފައިވަނީ ޓީމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވި މުބާރާތަކަށްކަމަށް ޔޫއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ވިދާޅުވެއްޖެއެވެ.

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި އެންމެ ދިގު ރާސްތާއަކަށް ދަތުރުކޮށްފައިވަނީ ސްވިޓުޒަލަންޑެވެ. އެ ޓީމުވަނީ 15.485 ކީލޯމީޓަރު ދުރަށް ދަތުރުކޮށްފައެވެ. އަދި އެންމެ ކުރު ދަތުރެއް ކޮށްފައިވަނީ ސްކޮޓުލޭންޑެވެ. އެއީ 1،100 ކިލޯ މީޓަރެވެ.

ޔޫއޭފާގެ ރައީސް ސެފެރިން ވިދާޅުވި ގޮތުގައި ދިގި ދަތުރުތައް ކޮށްގެން މުބާރާތް ކުޅޭ ގޮތަށް އޭނާ ދެން ތާޢީދެއް ނުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ޓީމުތައް ދިގު ދަތުރުކުރަން ޖެހި އަދި އަނެއް ބައި ޓީމުތަކަށް ކުރު ދަތުރުކުރަން ޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އޭނާ މަގާމާއި ހަވާލުވުމުގެ ކުރިން ނިންމާފައިވާ ގޮތެއްކަމަށާއި އެހެންކަމުން އެ ކަމަށް އޭނާ އިޙްތިރާމުކޮށް މުބާރާތް ބޭއްވީކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނަމަވެސް އެ ކަން ތަންފީޒު ކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން ގިނަ ދަތުރުތަކެއް ކުރަންޖެހުމުގެ އިތުރުން އެކި ޤައުމުތަކުގެ ގަވައިދުތައް ތަފާތުވެފައި ވިލާތުގެ އިއްތިހާދުގައި ހިމެނޭ ޤައުމުތަކާއި އެ ނޫން ޤައުމުތަކުގައި ގެންގުޅޭ ފައިސާއާއި އެހެނިހެން ކަންތައްތައް ތަފާތުވުމުން ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. އަދި ކުޅިބެލުންތެރިންނަށްވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު މުބާރާތެކެވެ. އެ ގޮތުން އެއް މެޗު އެއް ރަށުގައި ކުޅެފައި ދެވަނަ މެޗަށް އެހެން ޤައުމަކަށް ދަތުރުކުރަން ޖެހުމުން ކުޅިބެލުންތެރިންނަށްވެސް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ.

މާދަމާރޭ ލަންޑަންގެ ވެންބުލީގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިނގިރޭސިވިލާތާއި އިޓަލީވިލާތެވެ. އެ ދެ ޓީމުގެ ހުރިހާ ގުރޫޕު މެޗުތައް ކުޅެފައިވަނީ އަމިއްލަ ޤައުމުގައެވެ.