ކޯވިޑް-19ގެ ސަބަބުން ޓިޔުނީޝިޔާގެ ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަންނަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.
ޓިޔުނީޝިޔާގައި މިހާތަނަށް 465،000 މީހުންނަށް ކޯވިޑް-19 ޖެހި 15،700 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ބަލީގެ ފުރަތަމަ ރާޅު އެ ޤައުމުގައި ފެތުރުނު ދުވަސްވަރު ބަލި ފެތުރުން ހުއްޓުވުމުގައި އެ ޤައުމުވަނީ ކާމިޔާބުވެފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު އަނެއްކާވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖުލައި މަހުގެ 7ވަނަ ދުވަހުގައި އެ ޤައުމުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ބަލިޖެހި 134 މީހުންވަނީ މަރުވެފައެވެ.
ޓިޔުނީޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންގެ ޢަދަދު އިތުރުވެ އައިސީޔޫތަކަށް ބާރު ބޮޑުވެފައިވާކަމަށެވެ. އަދި ހުރިހާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެ ވުޒާރާއިން ބުނީ ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި އޮކްސިޖަން ފޯރުކޮށްދިނުމުގައިވެސް ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުންފަދަ ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިވެފައިވާކަމަށްވެސް އެ ޤައުމުން ބުނެއެވެ. އެހެންކަމުން ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި ޢާންމުން އެއްބާރުލުން ދިނުމަށް އެ ވުޒާރާއިންވަނީ އެދިފައެވެ.
ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ޓިޔުނީޝިޔާގެ ބައެއް ސިޓީތައްވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މުޅި ޤައުމު ފުރަބަންދުކޮށްފައެއްނުވެއެވެ.