ޚަބަރު

ތަޖިކިސްތާނުގެ ސަރަޙައްދީ ރޮނގު ރައްކާތެރިކުރުމަށް ސީއެސްޓީއޯއިން އެހީތެރިވާނެ


އަފްޣާނިސްތާނާއި ތަޖިކިސްތާނުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގެ ޙާލަތު ގޯސްވެއްޖެނަމަ އެ ސަރަޙައްދުގެ ދިފާޢުގައި ރަޝިޔާއާއި އަރުމޭނިޔާއާއި ކަޒަކިސްތާނާއި ކިރިގިސްތާނާއި ތަޖިކިސްތާނާއި އުޒްބެކިސްތާނުން ގުޅިގެން އުފައްދާފައިވާ އަސްކަރީ އިއްތިޙާދު، ސީއެސްޓީއޯއިން މަސައްކަތްކުރާނެކަމަށް އެ އިއްތިޙާދުން ބުނެފިއެވެ.

20 އަހަރަށްފަހު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ސިފައިންދަނީ އެ ޤައުމުން ފައިބަމުންނެވެ. އޭގެ ސަބަބުން ޠާލިބާނުންދަނީ އަފްޣާނިސްތާނުގައި އެ ޖަމާޢަތުގެ ނުފޫޒު އިތުރުކުރުމަށް މަސައްކަތްކޮށް ގިނަ ސަރަޙައްދުތަކަކަށް ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އެތައް ސަތޭކަ ރައްޔިތުންނާއި ސިފައިންނަށްވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އަވައްޓެރި ތަޖިކިސްތާނުގެ ޙިމާޔަތް ހޯދުމަށް މަޖުބޫރުވެފައެވެ. އެއާއެކު މެދުތެރޭ އޭޝިޔާއަށް ޠާލިބާނުންގެ ނުފޫޒު ފޯރުމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

ރަޝިޔާއިން އިސްވެ ހިނގާ ސީއެސްޓީއޯތިން ބުނީ އެ އިއްތިޙާދަށް ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށް، އަފްޣާނިސްތާނާއި ތަޖިކިސްތާނުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގެ ޙާލަތު ގޯސްވިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެކަމަށެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމުން މެދުތެރޭ އޭޝިޔާއަށް ޠަލިބާނުންގެ ނުފޫޒު ފޯރުމަކީ ރަޝިޔާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން މެދުތެރޭ އޭޝިޔާގެ ސަރަޙައްދުތަކުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމާމެދުވެސް ރަޝިޔާއިން ކަންބޮޑުވެއެވެ.

ތަޖިކިސްތާނާއެކު ގާތް އަސްކަރީ ގުޅުންތަކެއް ޤާއިމުކޮށްފައިވާ ރަޝިޔާއިން މީގެ ކުރިންވެސްވަނީ ސަރަޙައްދީ ރޮނގުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

ސަރަޙައްދީ ރޮނގުގެ ކަންކަން ބެހެލެއްޓުމުގައި ޙަރަކާތްތެރިވާނެކަމަށް ސީއެސްޓީއޯއިން ބުނެފައިވަނީ ރަޝިޔާގެ އިސްފަރާތްތަކާއި ތާލިބާނުންނާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި ތަޖިކިސްތާނުގެ ސަރަޙައްދީ ރޮނގަށް ޙަމަލާ ނުދޭނެކަމުގެ ޔަޤީންކަން ޠާލިބާނުގެ ވަފުދުން ދީފައިވަނިކޮށެވެ. އަދި މަރުކަޒެއްގެ ގޮތުގައި އަފްޣާނިސްތާނު ބޭނުންކޮށް ރަޝިޔާއަށް ޙަމަލާ ނުދޭނެކަމަށްވެސް ޠާލިބާނުން ބުނެފައިވެއެވެ.