ޚަބަރު

ރައީސްގެ މަންދޫބެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރ އައްޑޫސިޓީއަށް


ރައީސުލްޖުމްހޫރިއްޔާގެ
ޚާއްޞަ މަންދޫބެއްގެ ގޮތުން ފިނޭންސް މިނިސްޓަރ އައްޑޫސިޓީއަށް ދަތުރުފުޅެއް
މިއަދު ފަށްޓަވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
ޚާއްޞަ މަންދޫބެއްގެ ގޮތުން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ
ޖިހާދު އައްޑޫ ސިޓީއަށް ދަތުރުފުޅެއް ފެއްޓެވީ އައްޑޫސިޓީއަށް މިހާރު ކުރަމުންދާ
ވިއްސާރައިގަ ބައެއް ރަށްތަކަށް ލިބިފައިވާ ގެއްލުންތަކާއި، އެ ރަށްރަށުގެ
ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށެވެ.



ފިނޭންސް
މިނިސްޓަރުގެ މި ދަތުރުފުޅުގައި، މިކަމުގައި ސަރުކާރުން އައްޑޫސިޓީއަށް
އެހީތެރިކަން ދެއްވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު ސާފުކުރައްވާނެކަމަށް ރައީސް
އޮފީހުން މައުލޫމާތުދެއްވައެވެ.



އައްޑޫ
ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެސިޓީއަށްވަނީ ވަރަށް ބޮޑެތި
ގެއްލުންތަކެއް ލިބިފައެވެ. ހުއްޓުމެއްނެތި ވާރޭވެހުމާ ގުޅިގެން ވަރަށް ބޮޑަށް
ފެންބޮޑުވެ، ވަރަށްގިނަ ގޭގެއަށްވަނީ އެކިއެކި ގެއްލުންތައް ލިބިފައެވެ. އަދި
ރައްޔިތުންގެ އެތައް ބަޔަކަށް މިކަމުގެ އަސަރުވަނީ ފޯރާފައެވެ.