މުނިފޫހިފިލުވުން

ޖޯން އަބްރަހަމް އަންޑަރކަވަރ ޓެރަރިސްޓެއްގެ ރޯލުން


ސިދާރތް އާނަންދު ޑައިރެކްޓްކޮށް ޝާހުރުކްޚާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ޕަޓާން" ގެ އެންމެ ފަހުގެ އަޕްޑޭޓެއްގެ ގޮތުން އިވޭ ޚަބަރަކީ ފިލްމުގައި ޖޯން އަބްރަހަމް ފްރީލާންސް އަންޑަރކަވަރ ޓެރަރިސްޓެއްގެ ރޯލުން ފެނިގެންދާނެ ޚަބަރެވެ.

ފިލްމުގައި ޖޯން އަކީ ފައިސާއަށްޓަކައި ރަޝިއަން މާފިއާ އަށް މަސައްކަތްކޮށްދޭ މީހެކެވެ. މިއާއެކު ޖޯންގެ އެކި ސިފަ މި ފިލްމުގައި ފެނިގެންދާނެކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ސްޕައި ތްރިލަރއެއްކަމަށްވާ "ޕަޓާން" ގައި ސަލްމާންޚާންގެ ޚާއްޞަ ފެނިލުމެއްވެސް ހިމެނެއެވެ. ރަޝިއަން މާފިއާގެ ކިބައިން ޝާހުރުކްޚާން ސަލާމްތަކުރަން އަންނަ ޓައިގަރ ގެ ރޯލުން ފެންނާނީ ސަލްމާނެވެ. ޝާހުގެ އިތުރުން ދީޕިކާ ޕަޑްކޯންވެސް ފެނިގެންދާ މި ފިލްމުގައި ޝާހު އާއި ދީޕިކާވެސް ފެންނާނީ އޭޖެންޓުންގެ ރޯލުންނެވެ.

ދެ އަހަރެއްހާ ދުވަހު އެކްޓިންގ އާއި ދުރުގައި ހުރުމަށްފަހު ޝާހު ފެންނަ މި ފިލްމުގެ ވަރުގަދަ އެކްޝަން ސީންތަކެއް ދުނިޔޭގެ އެންމެ އުސް ޢިމާރާތް ކަމަށްވާ ޔޫއޭއީގެ ބުރުޖް ޚަލީފާގައި ޝޫޓް ކުރަން ހަމަޖެހިފައިވާ ވަހާކަވެސް މީގެކުރިން ވަނީ އިވިފައެވެ. ފިލްމުގައި ދިޕިކާގެ ވަރުގަދަ އެކްޝަން ސީންތަކެއްވެސް ހިމެނެއެވެ.

"ޕަޓާން" ގެ މަންޒަރުތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވެސް ޔޫއޭއީގައި ނަގާފައިވެއެވެ. ދުބާއީގައި ޝޫޓްކުރި މަންޒަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ބޭނުންކޮށްގެން ނެގި މަންޒަރުތަކެއް ވެސް ހިމެނެ އެވެ. 'ޕަޓާން' ގެ ޝޫޓިން މުމްބާއީގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.

ފިލްމު ރިލީޒްކުރުން މިއަހަރުގެ ޖެނުއަރީމަހު ތާވަލުކޮށްފައިއޮތް ނަމަވެސް ކޯވިޑާއި ހެދި ފިލްމު ރިލީޒްކުރެވޭނެ ތާރީޚެއް އަދި ނޭގެއެވެ.