މުނިފޫހިފިލުވުން

ސަންޖޭއާއި ރަވީނާގެ ފިލްމު އަނެއްކާވެސް ފަހަތަށް


90 ގެ އަހަރުތަކުގައި މަޝްހޫރުވެގެންދިޔަ އެކްޓްރެސް ރަވީނާ ޓަންޑަން މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު "ކޭޖީއެފް:ޗެޕްޓަރ 2" ގެ މަސައްކަތް ކޯވިޑްގެ ބަލިމަޑުކަމާއި ހެދި މަޑު ޖެހިއްޖެއެވެ. މި ފިލްމު ރިލީޒްކުރުމަށް ކުރިން ނިންމާފައި އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ރަވީނާގެ އިތުރުން ކަންނަޑާ އެކްޓަރ ޔާޝް އަދި ބޮލީވުޑް ތަރި ސަންޖޭ ދަތާއި ސިރިންދީ ޝޭޓީވެސް މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނެއެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ދެއްކި ބްލޮކްބާސްޓަރ ކަންނަޑާ އެކްޝަން ފިލްމު " ކޭޖީއެފް:ޗެޕްޓަރ 1" ގެ ސީކުއަލްއެވެ.

ޕްރަޝާންތް ނީލް ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީ އޭނާއެވެ. ވިޖޭ ކިރަގަންދޫރު ޕްރޮޑިއުސް ކުރާ 100 ކްރޯޑް ރުޕީސް ބަޖެޓްގެ މި ފިލްމު ހިންދީ، ކަނަޑާ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުންވެސް ނެރުމަށް ވަނީ ނިންމާފައެވެ.

މޮޑެލެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެށި ކަރީނާ ފަހުންވަނީ ފިލްމީ ދާއިރާއަށް ނުކުމެ 90ގެ އަހަރުތަކުގެ ތެރޭގައި ނުކުތް ލޯބީގެ އަސަރުގަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

"ދިލްވާލޭ" އަދި "މޮހޮރާ" އަކީ 1994 ވަނަ އަހަރު ރަވީނާގެ ފެނިގެންދިޔަ 5 ފިލްމުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދައިދިން ދެ އެކްޝަން ޑްރަމާ ފިލްމެވެ. މީގެ އިތުރުންވެސް "ކިލާޅިޔޯން ކާ ކިލާޅީ" ، "ޒިއްދީ" ، ''ބަޅޭމިޔޯން ޗޯޓޭމިޔޯން" ، "ބޮމްބޭ ވެލްވެޓް" އަދި "މާތޫރް" އަކީވެސް ރަވީނާގެ ފުރިހަމަ އެކްޓިން ފެނިގެންދިޔަ ފިލްމުތަކެވެ.