ޚަބަރު

ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް ރައީސް ނަޝީދަށް ބަޔަކު ދިޔައީ ފާރަލަމުން


ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ފާރަލަމުން ދިޔަކަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެކުލަވާލި 242 ސަފްހާގެ މި ރިޕޯޓުގައި މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. އަދި ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި ތްރެޓްލެވެލް ކިހާ މަތި ބޭފުޅެއްކަމަށާއި، އެމަނިކުފާނަށް އެކި ދުވަސްވަރު ހަމަލާދޭން އުޅުނުކަމުގެ ތަފްސީލީ މައުލޫމާތުވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

ރައީސް ނަޝީދަށް މޭމަހުގެ 6 ވަނަ ދުވަހުގެރޭ ހަމަލާ ދިނުމުގެ ކުރިންވެސް އެމަނިކުފާނަށް ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ފާރަލާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން މާރިޗު 12، 2021 ގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ދުރުގައި ތިބިގެން ރައީސް މުޙައްމަދު ނަޝީދުގެ ޙަރަކާތްތައް ބަލައި ފޮޓޯ ނަގާފައިވާކަން އެނގިފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ މީހުން، އެއްފަހަރަށްވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ޙަރަކާތްތެރިވެ، ގ.ކެނެރީގެ ސަރަޙައްދު ސަރވެއިލް ކޮށްފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ. އަދި އައިއީޑީ ގޮއްވައިލީ ސަރަހައްދު ފުލުހުން ބަލަމުން ދިޔައިރު، ރައީސް ނަޝީދަށް ހާއްސަކޮށްފައިވާ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗި ވަރުގެ ޕްލާސްޓިކު ގަނޑެއްކަމަށް ބެލެވޭ އެއްޗެއް ފުލުހުންނަށް ފެނިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި އެ އެއްޗަކީ ގޮއްވާލި އައިއީޑީގެ އެތެރޭގައި ހިމެނޭ އެއްޗެއްކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ އެއްޗަކީ ކާރުގެ އަޑީގައި ހަރުކޮށްފައި އޮތް އެއްޗެއްތޯ ނޫނީ ގޮވުމުގެ ތެރެއިން ވިއްސައިގެން ގޮސްފައިވާ އެއްޗެއްތޯ ފުލުހުން ބެލި ކަމަށާއި، ނަމަވެސް، އެއީ ގިނަ ވަގުތުތަކަކަށް ކާރުގައި ހަރުކޮށްފައި އިން އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވާ ސަރަޙައްދުން ހެކީގެ ގޮތުގައި ބޭނުންކުރެވޭ 200 އަށްވުރެ ގިނަ ތަކެތި ފުލުހުން ހޯދާފައިވެއެވެ. އޭގެތެރޭގައި ރޭޒާ ފުއްތަކާއި ގޮވައިގެންދިޔަ ސައިކަލުގެ އެކިއެކި ޕްލާސްޓިކު ކުނޑިތަކާއި ސައިކަލުގެ އެކިއެކި ބައިތަކާއި، އެތަނުގައި ފެންނަން ހުރި ލެއާއި، އަދި، އެނޫންވެސް އެ ކްރައިމް ސީން ނުވަތަ ހަމަލާގެ ސަރަޙައްދާ ލިންކުކުރެވޭ ބައެއްގެ ގޮތުގައި ބެލެވޭ ފަރާތްތަކުގެ މައްޗަށް ފުލުހުން ހޯދާފައި ހުރި މާއްދީ ހެކިތައް ހިމެނެއެވެ. ފުލުހުން ނަގާފައިވާ ކޮންމެ އެއްޗަކީވެސް، ފުލުހުން ސީންއާ ޙަވާލުވުމަށްފަހު ނަގާފައިވާ ތަކެތިކަމުގައި ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގައި ކަމާއި ބެހޭ ފަރާތްތަކުން ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް ވަނީ ބާރު އަޅާފައެވެ. އަދި ހަރުކަށި ފިކުރާއި ދެކޮޅަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.