އިންޑިޔާއިން އެންމެ ފެނުނު ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ވިލާތުގެ ބޮޑެތި ޤައުމުތަކުގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެއްޖެއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ކޯވިޑް-19ގެ ޙާލަތުވަނީ މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިތުގެ ތެރޭގައި އެއް ދުވަހެއްގެ މަތިން ބަލިޖެހޭ މީހުންގެ ޢަދަދު އެ ޤައުމުގައިވަނީ 30،000އަށްވުރެ އިތުރުވެފައެވެ. އެ ގޮތުން ޖުލައި މަހުގެ 7ވަނަ ދުވަހު އެ ޤައުމުގައި 32،548 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އެ މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެފައިވަނީ މި މަހުގެ ފަހުކޮޅު އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ޖަރުމަނުވިލާތުގައި ބަލިޖެހޭ މީހުންގެ ޢަދަދުވެސް ޖެހިޖެހިގެން ދެ މަސް ދުވަސްވަންދެން ދަށަށް ދިޔުމަށްފަހު ޖުލައި މަހުގެ 7ވަނަ ދުވަހު އެ ޢަދަދުވަނީ އިތުރުވެފައެވެ. ޖަރުމަނުވިލާތުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 986 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއީ މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް ބަލިޖެހުނު މީހުންގެ ޢަދަދަށްވުރެ 177 މީހުންގެ އިތުރުވުމެކެވެ. މިދިޔަ ހަފުތާއަށްވުރެ މި ހަފުތާގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދުވެސް ގިނައެވެ. ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންކަމަށް އެ ޤައުމުން ބުނެއެވެ. އެ ގޮތުން ބަލިޖެހޭ މީހުންގެ ތެރެއިން 59 އިންސައްތަ މީހުންނަށް ބަލިޖެހުނީ އެ ވޭރިއަންޓުގެ ސަބަބުންނެވެ. އެހެންކަމުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭނީ ވެކްސިން ޖަހާފައިވާ މީހުންގެ ނިޞްބަތް އިތުރުވުމުންކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
ފަރަންސޭސިވިލާތުގައި ބަލިޖެހޭ މީހުންގެ 40 އިންސައްތައަކީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންކަމަށް އެ ޤައުމުންވެސްވަނީ ބުނެފައެވެ. ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ނިޞްބަތް ކޮންމެ ހަފުތާއަކު އިތުރުވަމުންދާކަމަށްވަނީ ފާހަގަވެފައެވެ. ބަލިފެތުރޭ މިންވަރު އިތުރުވެ ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅަކާ އެ ޤައުމުން ކުރިމަތިލާން ޖެހިއްޖެނަމަ ހޫނު މޫސުމާ ދިމާކޮށް ދިނުމަށް ރާވާފައިވާ ލުއިތައް ނުދެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. ހަރުކަށި ފިޔަވަޅުތައް ރުޖޫޢަކުރަން ބޭނުންނުވާނަމަ ވީހާވެސް ގިނަ މީހުންނަށް ބައްޔާ ދެކޮޅަށް ވެކްސިން ދިނުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ސުޕެއިނާއި ޕޯޗުގަލުގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެ ދެ ޤައުމުގައިވެސްވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ތަންފީޒުކޮށްފައެވެ. އޭގެ އިތުރުން ނެދަލެންޑްސުންވެސްވަނީ އެ ޤައުމުގެ ޙާލަތު އިރުތަށް ގޯސްވާނަމަ ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް އަލުން ރުޖޫޢަކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.