ޚަބަރު

ޢާންމުންނާ ދެކޮޅަށް ޠާލިބާނުން ލާއިންސާނީ ޖަރީމާތައް ހިންގާކަމުގެ ތުޙްމަތު


އަފްޣާނިސްތާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުން ލޫޓުވައި އެ މީހުންގެ ގެދޮރުގައި ހުޅުޖަހަމުންދާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުން ބުނެފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ ޠާލިބާނުން އެ ގޮތަށް ޢަމަލުކޮށްފައިވަނީ އަފްޣަނިސްތާނުގެ ސަރުކާރަށް ޢާންމުންގެ އެއްބާރުލުން ދެމުންދާތީ އެ ކަމުގެ ރައްދެއްގެ ގޮތުންކަމަށެވެ.

ހިޔުމަން ރައިޓްސް ވޮޗުން ބުނީ ޠާލިބާން ހަނގުރާމަވެރިންގެ އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ބާރު އެ ޖަމާޢަތުގެ އިސްވެރިންނަށް ލިބިގެންވާކަމަށެވެ. ނަމަވެސް އެފަދަ ޙަމަލާތައް ހުއްޓުވުމަށް ޠާލިބާނުގެ އިސްވެރިން މަސައްކަތްކޮށްފައިނުވާކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. އެ ތުޙްމަތުތަކާ ގުޅޭގޮތުން ޠާލިބާނުންގެ ފަރާތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ މަހުގެ ތެރޭގައި ޠާލިބާނުންވަނީ އެ ޖަމާޢަތަށް ނިޞްބަތްވާ ހަނގުރާމަވެރިން ޢާންމުންނާމެދު ރަނގަޅަށް ކަންތައްކުރުމަށާއި ޢާންމުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އަންގާފައިވާނެކަމަށް ބުނެފައެވެ.

20 އަހަރަށްފަހު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަފުތާގެ ކުރީކޮޅު އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މައި މަރުކަޒުކަމަށްވާ ބަގުރާމު ވައިގެ މަރުކަޒު އަފްޣާނިސްތާނުގެ ފައުޖުތަކާ ޙަވާލުކުރުމުން ޙަމަލާތައްވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

ހިޔުމަން ރައިޓްސް ވޮޗުން ބުނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކުންދޫޒު ޕުރޮވިންސުގެ ޢައިލާތަކާ އެ ޖަމުޢިއްޔާއިން ވާހަކަދައްކާފައިވާކަމަށެވެ. އަދި 600އަށްވުރެ ގިނަ ޢާއިލާ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. ހިޔުމަން ރައިޓްސް ވޮޗުން ބުނީ ޖޫން މަހުގެ 21 ދުވަހާއި 25ވަނަ ދުވަހާ ދެމެދު ޠާލިބާން ކުންދޫޒުގައި ދިރިއުޅޭ މީހުން ގެދޮރު ދޫކޮށް ދިޔުމަށް ދެ ގަޑިއިރު ދިންކަމަށާއި އަފްޣާނިސްތާނުގެ ސަރުކާރަށް އެއްބާރުލުން ދޭކަމަށް ބުނެ ބައެއް މީހުންނަށް ބިރުދައްކާފައިވާކަމަށެވެ. އަދި ގެތައް ލޫޓުވައި ހުޅުޖަހައި ޢާންމުންގެ ދެ މީހުންނަށް ބަޑިން ޙަމަލާދިނުމަށްފަހު މަރާލާފައިވާކަމަށް އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވި ޢާއިލާތަކުން ބުނެފައިވާކަމަށް ހިޔުމަން ރައިޓްސް ވޮޗުން ބުނެއެވެ.