ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީނުވާން ނުޖެހޭގޮތަށް އުޞޫލަށް ބަދަލުގެނެސްފިއެވެ.
ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސް ދިން ލުއިތަކާއެކު ސަރުކާރުން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވުނަސް އެފަރާތްތަކުގެ ދަރިން ކަރަންޓީނުވާންޖެހޭނެކަމަށެވެ.
ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކެއް ހިއްސާކުރުމުން މިހާރު މިވަނީ އެނިންމުމަށް ބަދަލު ގެނެސްފައެވެ. އެގޮތުން ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ވެފައިވާ މީހުންނާ އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމުކުރެއްވި އެންގުމުގައިވަނީ ހާމަކުރައްވާފައެވެ.
ކޯވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނުވުމަކާ ނުލައި މާލެއިންނާއި ރިސޯޓުތަކުންނާއި ޓޫރިސްޓް ގެސްޓްހައުސް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް، ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެކަމަށް ކުރިން ހާމާކޮށްފައިވީނަމަވެސް މޮނިޓަރިންގގެ ހާލަތުގައި ރިޒޯޓް އޮތްނަމަ، އެ ރިސޯޓަކުން ދަތުރު ނުކުރެވޭނެކަމަށް މި އެންގުމުގައި ސަރުކާރުން ހާމަކުރެއްވިއެވެ. އަދި މޮނިޓަރިންގގެ ޙާލަތުގައިވާ ރަށަކަށް ދަތުރެއް ނުކުރެވޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެމަރޖެންސީގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާނަމަ، ރާއްޖެއަށް އެތެރެވުމުގެ
96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް އޮވެއްޖެނަމަ ކަރަންޓީނު ވާންޖެހޭނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
މިގޮތަށް ބޭރުން އަންނަ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ، 7 ދުވަސް ހަމަވުމުން، ޕީ.ސީ.އާރު ޓެސްޓް ހަދައި، އެ ޓެސްޓުގެ ނަތީޖާ
ނެގެޓިވް ވުމުންކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.