ވިޔަފާރި

ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފި


ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެސްޓް ހައުސްތަކުން ޗުއްޓީ ހޭދަކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ސަރުކާރުން ވަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައެވެ.

އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ގެސްޓު ހައުސްތަކުގައި ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމުގައި އެރަށެއްގެ އާބާދީގައި ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރަށް ބަލާނެ ކަމަށެވެ.

" މިމުއްދަތުގެ ތެރޭގައި އަމާޒެއްގެގޮތުގައި އެޗްއީއޯސީން ދެކެވަޑައިގެން މަސައްކަތްކުރާނެ، ގެސްޓު ހައުސް ހުރި ރަށްތަކުގެ އާބާދީގެ މަދުވެގެން 60 އިންސައްތަ އާބާދީއަކީ ވެކްސިކޭޓު ކުރެވިފަ ހުންނަ އާބާދީއަކަށް ހެދުމަށް، އަދި އޭގެއިތުރުން ގެސްޓުހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒަފުންގެ ވެކްސިނޭޓްކުރެވިފައިވާ މުވައްޒަފުންކަން ކަށަވަރުކުރުން،" މަބްރޫކް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވާއިރު، ރާއްޖެއަށް އެޤައުމުތަކުން އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހުށަހަޅަންޖެހެއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުން އަލުން ހުޅުވާލިފަހުން މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިއައީ އިންޑިއާއިންނެވެ.އެހެން ނަމަވެސް ރާއްޖެއިން އެޤައުމުން އަންނަ ފަތުުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާއެކު، ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައެވެ.