ޚަބަރު

ޔަމަނާއި އީރާނާއި ޚާޝޫޤްޖީގެ މައްސަލާގައި ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް އެމެރިކާއަށް


ޚިޔާލު ތަފާތުވެ ނުތަނަވަސްކަން ބޮޑުވެފައިވާ މައްސަލަތަކާމެދު މަޝްވަރާކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އެމެރިކާއަށް ދަތުރުކޮށްފިއެވެ.

އެމެރިކާއަށް ދަތުރުކުރި ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވަޒީރުގެ ނައިބު އަމީރު ޚާލިދު ބިން ސަލްމާނެވެ. އޭނާއަކީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޖޯ ބައިޑަން ޙަވާލުވެވަޑައިގެންނެވިފަހުން އެ ޤައުމަށް ވަޑައިގަތް ސަޢުދީ ޢަރަބިއްޔާގެ އެންމެ އިސް ބޭފުޅާއެވެ.

ސަޢުދީ ޢަރައްބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅެއްކަމަށްވާ ޚާލިދު ބިން ސަލްމާން އެމެރިކާއަށް ކުރައްވައި ދަތުރުފުޅުގައި ޔަމަނުގެ ދާޚިލީ ހަނގުރާމައާއި އީރާނުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރާ މަޝްވަރާތައް ކުރައްވާނެއެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބޫލުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓުގައި އަނިޔާވެރިކޮށް މަރާލާފައިވާ ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީއާ ގުޅޭގޮތުން މަޝްވަރާކުރުން އެކަށީގެންވާކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ޕުރެސް ސެކެޓުރީ ޖެން ސާކީވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ވެރިކަމުގައި އެމެރިކާއިންވަނީ ސަޢުދީ ޢަރަބިއްޔާއާއެކު ގާތް ގުޅުންތަކެއް ބާއްވައިފައެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއާމެދު ބައިޑަންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަފާތުކަމަށްވަނީ ފާހަގަވެފައެވެ.