ޚަބަރު

މެމްބަރުން ހަމަނުވުމުން 3 ބިލަކަށް ވޯޓަށް ނޭހުނު


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާކުރި 5 މަސައްކަތެއްގެ ތެރެއިން 3 ވޯޓަކަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވުނުން އެވޯޓުތައް ފަސްކޮށްފިއެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ނިންމުމަށް އަމާޒު ހިފާފައިވާއިރު، ކޮމެޓީތަކުން ނިންމާފައިވާ މުހިންމު ބިލްތަކަކަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފައެވެ. އާންމު ޖަލްސާއަކަށްވުރެ ކުރުކޮށް މިއަދުގެ ޖަލްސާ ގެންގޮސްފައިވާއިރު، ޖަލްސާގައި ވޯޓަށް އެހުންވެސް ކުރިއަށް ގެންގޮސްފައިވަނީ 11 ޖެހިއިރުއެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހި މުހިންމު މަސައްކަތްތަކުގެ ތެރެއިން މެމްބަރުން ހަމަނުވުމުގެ ސަބަބުން ވޯޓަށް ނޭހުނު ތިން މަސައްކަތަކީ އާމްދަނީން ޓެކުސް ނެގުމާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ބިލާއި، ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނާ ބެހޭ ބިލެވެ. މި ތިން ބިލަކީވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުތަކެވެ.

މިބިލްތައް ފާސްކުރުމަށް މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުގެ މަތީން 44 މެމްބަރުން ވޯޓުގައި ބައިވެރިވަންޖެހެއެވެ. ނަމަވެސް ވޯޓަށް އެހިގަޑީގައި ތަޅުމުގައި އެއަދަދަށް މެމްބަރުން ނެތުމުން މި ބިލުތަކަށް ވޯޓަށް އެހޭގޮތް ވަނީ ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ މިއަހަރުގެ 2ވަނަ ދައުރު މާދަމާގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފައިވާއިރު، މާދަމާގެ ޖަލްސާ ބާއްވާނެ ވަގުތެއް އަދި ނިންމާފައި ނުވެއެވެ.