ކުޅިވަރު

ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީއިން ޔޫރޯގެ ފައިނަލަށް


ޕެނަލްޓީގައި ސްޕެއިން ބަލިކޮށް އިޓަލީން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޔަގީންކޮށްފިއެވެ.

މެޗް ފުރިހަމަ ވަގުތު ހަވަވީއިރު، 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީޓަލީއިން ސްޕެއިންގެ މައްޗަށް ކުރި ހޯދީ 4 ލަނޑު 2 ލަނޑުންނެވެ. މިމެޗުން މޮޅުވުމާއި ގުޅިގެން އިޓަލީއިން ވަނީ އެޓީމް މޮޅުވަމުން އައި ސިލްސިލާ ދަމަހައްޓާފައެވެ. އެޓީމް މިހާތަނަށް ވަނީ މެޗަކުން ބަލިނުވެ 33 މެޗް ހަމަކޮށްފައެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެ ޓީމުން ވެސް ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންނެވެ. އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސްޕެއިންނެވެ. އެޓީމުން ހުފައްދަމުންދިޔަ ހަމަލާތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރެވިފައެއް ނުވެއެވެ. ސްޕެއިންގެ އޮޔާޒަބާލް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތު ވެސް ގެއްލިގެން ދިޔައީ އޭނާއަށް ބޯޅަ ކޮންޓްރޯލް ނުކުރެވިގެންނެވެ. އަދި ފެރާން ޓޮރޭޒް އާއި ޑެނީ އޮލްމޯއަށް ލިބުނު ފުރުސަަތުގެ ބޭނުން އެކުޅުންތެރިންނަށް ހިފިފައިނުވާއިރު، އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާގެ ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ކުރީކޮޅުގައި ސްޕެއިނުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އިޓަލީއިން ވަނީ ފުރަތަމަ ހާފްގެ މެދަކާއި ހަމައިން އެޓީމްގެ ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އަދި ސްޕެއިންގެ ޑިފެންސަށް ވެސް ބާރު ބޮޑު ކުރަން ފެށިއެވެ. އިޓަލީގެ ލޮރެންޒޯ އިންސިގްނޭ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، ފެޑެރީކޯ ކިއޭސާ ފޮނުވާލީ ބޯޅަ ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މަތަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެޗްގެ 60ވަނަ މިނެޓްގައި އިޓަލީއިން ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. ކައުންޓަރ އެޓޭކެއްގައި މިލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ކިއޭސާއެވެ. އިޓަލީގެ މިލަނޑަށްފަހު ސްޕެއިނުން ވެސް ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި އޮޔާޒަބާލަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. ސްޕެއިނުން ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައީ މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ގޯލުންނެވެ. މިގޯލާއެކު މޮރާޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ޔޫރޯގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އެއީ 6 ގޯލްއެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމް އެއްވަރުވުމާއި ގުޅިގެން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރިފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިޓަލީގެ ފުރަތަމަ ޕެނަލްޓީ މެނުއަލް ލޮކަޓެލީ ފޮނުވާލިއިރު، ބޯޅަވަނީ ސްޕެއިންގެ ކީޕަރު ސިމޯން ދިފާޢުކޮށްފައެވެ. ސްޕެއިންޖެހި ފުރަތަމަ ޕެނަލްޓީ އޮލްމޯ ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން އިޓަލީއިން ޖެހި 4 ޕެނަލްޓީ ވެސް އެޓީމްއިން ކާމިޔާބުކޮށްފައިވާއިރު، ސްޕެއިން ދެ ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ދެ ޕެނަލްޓީ ކާމިޔާބެއް ނުކުރެވެއެވެ.