މާލޭއާއި ވިލިމާލެެއާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާދޭ ބުރިޖުގެ މަސައްކަތްތައް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފައްޓަވައިފިއެވެ. އެ މިނިސްޓްރީންވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް މިމަސް ނިމުމުގެ ކުރިން ނެގުމަށް އަންގަވާފައެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްކަމަށެވެ. އެހެންކަމުން ބުރިޖުގެ އަމަލީ މަސައްކަތް ކުރާއިރު ވާކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްކަމުން އެ ސަރަހައްދުގެ ބޮޑުބައެއް މި މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ވަގުތީގޮތުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. އަދި އެސަރަޙައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީން މިހާތަނަށް ބެލިބެލުމުން އެ ބިންތަކާއި އެ ސަރަޙައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާކަމަށާއި މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މިމަހުގެ 31ގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމަށް މިނިސްޓްރީން އެދިވަޑައިގެންނަވައެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ވެހިކަލްތައް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގާ ބިން ހުސްކުރާނެކަމަށާއި މި މަސައްކަތުގައި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއް ޒިންމާ މިނިސްޓްރީން ނުނަގާނެކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖު ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ބޭނުން ކުރެވެން ފެށުމުން، މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ މި ބުރިޖު، ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނެއްގެ ގޮތުގައިކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ޙިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ.
މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. މި ބުރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ.