ޚަބަރު

އަލީ ވަހީދުގެ ހާޒިރުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ދަޢުލަތުން އެދިއްޖެ


ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ބަންދުކޮށްގެން ނަމަވެސް އޭނާ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.

އަލީ ވަހީދުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ، ޕަބްލިކް އިންޓްރެސްޓްއޮތް މިފަދަ މައްސަލައެއްގެ ޝަރީއަތް ދަށު ކޯޓުން ޤާނޫނާއި ޚިލާފަށް ޝަރީޢަތް ހިންގާނަމަ އެކަން އިސްތިއުނާފު ކުރުން ނޫންގޮތެއް ދަޢުލަތަށް ނެތުމުންކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކޮށްފައިވާއިރު، މިމައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ކަންކަމާއި ގުޅިގެން ގިނަ ސުވާލުތަކެއް ފަނޑިޔާރުންގެ ބެންޗުންވަނީ ދަޢުލަތަށް ކުރިމަތިކުރުވާފައެވެ.

އެގޮތުން މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި އަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މިމައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ފަނޑިޔާރުން ސުވާލުކުރެއްވުމުން، ދަޢުލަތުގެ ވަކީލުން ވިދާޅުވީ ކޯޓުތަކުގެ އިޚްތިސާސް އޮންނަ ސަރަހައްދަށް މައްސަލައިގައި ހިމެނޭ މީހުން ގެނައުމުގެ ބާރު ލިބިގެންވަނީ ކޯޓުތަކަށްކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ ގެނެސްގެން މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައިވެސް ކުރިއަށް ގެންދިއުމަށް ދަޢުލަތުން އެދޭކަމަށް ދަޢުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ 7 ދުވަސްތެރޭގައި މައްސަލަ ނިންމަންޖެހޭއިރު އަމުރެއް ދަޢުލަތުގެ މައްޗަށް ނެރެފިނަމަ އެމުއްދަތުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރު ކުރެވިދާނެތޯ ސުވާލުކުރައްވާފައެެވެ.

މިކަމާއި ގުޅިގެން ދައުލަތުންވަނީ އެހެން މައްސަލަތަކުގައިވެސް ކޯޓަށް މީހުން ހާޒިރުކުރަން އަމުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށާއި، އެހާލަތުގައި ފުލުހުން މެދުވެރިކޮށް އެމީހަކު ކޯޓަށް ހާޒިރުކުރެވިދާނެކަމަށެވެ. އެގޮތުން ޤަވާއިދުގެ ދަށުން ބަންދުކުރުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެކަމަށާއި، އެކަން ތަންފީޒުކުރާނީ ފުލުހުންކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. ޢަދި އެއަމުރު ރައްދުވާނީ ދަޢުވާ ލިބޭ މީހާއަށް ކަމަށްވުމުން އެެއަމުރު ނެރެވިދާނެކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދެން އޮތް ގޮތަކީ ޕާސް ޕޯޓު ހިފަހެއްޓުންކަމަށްވާއިރު، އެ އަމުރު އަދިވެސް ދަށުކޯޓުން ދީފައިނުވާކަން ދަޢުލަތުން ފާހަގަކުރިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ ދަޢުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބެލުމަަށްފަހު ގޮތެއް ނިންމަވައި އަންގަވާނެކަން ޢިއުލާންކުރައްވަމުންނެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެމައްސަލައިގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅިނަމަވެސް ކޯޓުން އަމުރު ނެރުމަށް ވަނީ ދެކޮޅު ހަދާފައެވެ.