ޚަބަރު

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް މައުމޫން


ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމުކަމަށް ރައީސް މައުމޫނު ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވާފައި މިވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށާއި އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އެމްޑީޕީ އާއި ޕީޕީއެމްއާއެކުގައި ތިބެގެން ވޯޓަކަށް ދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ، އަދި ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީވެސް ރިޔާސީ ނިޒާމު ކަމަށްވުމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތްކަން ވަރަށް ސާފުކަމަށް މައުމޫން ވިދާޅުވިއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅުދައްކަވާފައިވާއިރު މީގެ ކުރިންވެސް އެކިއެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުވަނީ ރާއްޖޭގައި އޮންނަން ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ އެކަމަށް ވަކާލާތުކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދުވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މެސެޖެއް ފޮނުއްވާފައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.