މުނިފޫހިފިލުވުން

އަޑެލްގެ އާ އަލްބަމާއެކު ރެކޯޑްތަކެއް


އަޑެލްގެ އާ އަލްބަމް "ޓްވެންޓީ ފައިވް" އަކީ އިނގިރޭސިވިލާތުގެ އަލްބަމް ޗާރޓްގެ 1ވަނަ މަޤާމު ޙާސިލްކޮށްފައިވާ އަލްބަމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ކާމިޔާބު އަލްބަމްކަމަށް އިނގިރޭސި އޮފިޝަލް އަލްބަމްސްް ޗާރޓުން ހާމަކޮށްފިއެވެ.އަޑެލްގެ "ޓްވެންޓީ ފައިވް" ރިލީޒްކުރި ހަފްތާގައި 8 ލައްކައަށްވުރެ ގިނަ ކޮޕީ ވިކިފައިވާ ކަމަށް އިނގިރޭސި އޮފިޝަލް އަލްބަމް ޗާރޓުން ބުނެއެވެ. މިހަފްތާގެ ޗާރޓުގައި އަޑެލްގެ "ޓްވެންޓީ ފައިވް" ގެ އިތުރުން ދެން ޗާރޓުގައި ހިމެނޭ އެންމެ މަޤުބޫލު 75 އަލްބަމް ވިކުނު އަދަދު އެއްކޮށްލުމުންް އަންނަ އަދަދަށްވުރެ ގިނައިން އަޑެލްގެ މިއަލްބަމް ވިކިފައިވެއެވެ.އަޑެލްގެ "ޓްވެންޓީ ފައިވް"ގެ މަޤުބޫލުކަން އިތުރުވަމުންދާއިރު، އެ އަލްބަމް ވަނީ އިނގިރޭސިވިލާތުގައި މިހަފްތާގައި އެންމެ ގިނައިން ޑައުންލޯޑްކުރި އަލްބަމްގެ މަޤާމުވެސް ހޯދާފައެވެ. މިގޮތުން އަލްބަމް ރިލީޒްކުރި ހަފްތާގައި މި އަލްބަމްގެ ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ ކޮޕީ ޑައުންލޯޑްކޮށްފައިވާއިރު މީގެ ކުރިން އިނގިރޭސިވިލާތުގައި ރިލީޒްކުރި އެހެން އެއްވެސް އަލްބަމެއް ރިލީޒްކުރި ހަފްތާގައި އެއްލައްކައަށްވުރެ ގިނަ ކޮޕީ ޑައުންލޯޑްކޮށްފައިނުވާކަމަށް އިނގިރޭސިވިލާތުގެ އަލްބަމް ޗާރޓުން ހާމަކުރެއެވެ.