ކުޅިވަރު

ޕެރޫ ބަލިކޮށް ބްރެޒިލްއިން ކޮޕަރގެ ފައިނަލަށް


ކޮޕަރ އެމެރިކާގެ ފުޓްބޯޅަ މުބާރާތުގައި ޕެރޫ ބަލިކޮށް އެންމެފަހުގެ ޗެންޕިއަން ބްރެޒިލްއިން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ.

މިމެޗް ބްރެޒިލްއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. އެންމެ ފަހުގެ ޗެންޕިއަން ބްރެޒިލްއިން ވަނީ ގުރޫޕް ސްޓޭޖްގައި ފެރޫގެ މައްޗަށް 4 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. 2019ވަނަ އަހަރުވެސް ބްރެޒިލްއިން ކޮޕަރ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ ޕެރޫ ބަލިކޮށްގެންނެވެ. ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ބްރެޒިލްއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ނޭމާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ. އަދި ބްރެޒިލްގެ ކަސަމީރޯ ޕެރޫގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ވަނީ ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސީ މަތަކޮށްފައެވެ.

މެޗްގައި ބްރިޒިލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 35ވަނަ މިނެޓްގައި ޕަކޭޓާއެވެ. މިއީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ. މެޗްގެ ދެވަނަ ހާފްގައި ޕެރޫގައިން ވަނީ ކުޅުން ރަނގަޅުކޮށް ބްރެޒިލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މެޗް ނިމިގެންދިޔައިރުވެސް ޕެރޫއަށް ވަނީ ބްރެޒިލްގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. އަދި ޕެރޫގެ ގިނަ ހަމަލާތައް ވަނީ ބްރެޒިލްގެ ކީޕަރު އެޑަސަން މަތަކޮށްފައެވެ.

ބްރެޒިލުން 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ބްރެޒިލް އެންމެ ފަހުން މެޗަކުން ބަލިވެފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެވެ. އޭގެ ފަހުން ކުޅުނު 12 މެޗުން ވެސް އެޓީމް ބަލިވެފައިނުވެއެވެ.