ކުޅިވަރު

ބ.އަތޮޅު ކައުންސިލް ބަށި މުބާރާތް ގޮއިދޫ ޓީމަށް




    ބ.އަތޮޅު ކައުންސިލް ބަށި
މުބާރާތުގެ ޗެމްޕިއަންކަން ބ.ގޮއިދޫ ބަށި ޓީމް ހޯދައިފިއެވެ.  މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗް
ކާމިޔާބުކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން
އޭދަފުށީ ބަށި ޓީމް ބަލިކޮށްގެންނެވެ. ގޮއިދޫ ޓީމް ފައިނަލް މެޗުގެ ދެ އިނިންގްސްގައި
ތިރީސް ހަތަރު ލަނޑު އަށް ފޯލި ހެދިއެވެ. އޭދަފުށި ޓީމަށް ހެދުނީ ތިރީސް ދެ ލަނޑު ހަ
ފޯލިއެވެ.



ބ.އަތޮޅު ކައުންސިލުން
އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ
މަގާމާއި، މުބާރާތުގެ ބަށި ރާނީގެ މަގާމް ހޯދީ ގޮއިދޫ ޓީމްގެ ފާތިމަތު މިލްނާއެވެ.
މުބާރާތުގައި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާއާއި މުބާރާތުގެ އެންމެ ގިނަ ފޯލި
ސައިކުރި ކުޅުންތެރިޔާއަށްވެސް ހޮވުނީ ގޮއިދޫ ޓީމްގެ މިލްނާއެވެ. މުބާރާތުގެ
ފެއާ ޕްލޭ ޓީމަށް ފުޅަދޫ ބަށި ޓީމް ހޮވުނުއިރު، މުބާރާތުގެ އެންމެ އުއްމީދީ
ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ބަށި ޓީމްގެ އާމިނަތު މޫސާއެވެ.



މި މުބާރާތުގެ ޗެމްޕިއަން
ޓީމަށް ޓްރޮފީއާއިއެކު ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމްވަނީ ދީފައެވެ. އަދި
ރަނައަޕް ޓީމަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމްވަނީ ދީފައެވެ.



މީ މިމުބާރާތް ބ.އަތޮޅު ކައުންސިލުން
ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތުގައި މިފަހަރު ހަ ޓީމްވަނީ ބައިވެރިވެފައި. އެ
ހަ ޓީމަކީ އޭދަފުށި، ފުޅަދޫ، ތުޅާދޫ، ގޮއިދޫ، މާޅޮސް އަދި ހިތާދޫއެވެ.