ޚަބަރު

އިތުރު 127 މީހުން ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން އިތުރު 127 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 166 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. ހެލްތު ޕއެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ އާއި އަތޮޅުތަކުން ރިޕޯޓުކުރި ކޭސްތައްވެސް އުޅެނީ 100 ދަށުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 127 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 79 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 6 މީހެއްގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަށަކުން ޕޮޒިޓިވްވި 3 މީހަކާއި، ސިނާޢީ ރަށްރަށުން ޕޮޒިޓިވްވި 13 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 74،351އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށްވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސްވަނީ މަދުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3237 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 21 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 166 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 70،889 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،641 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުންވަނީ ނިޔާވެފައެވެ.