ކުޅިވަރު

25 އަހަރަށް ފަހު އިންގްލެންޑް ޔޫރޯގެ ސެމީއަށް


ފަސޭހަ ކަމާއެކު ޔޫކްރެއިން ބަލިކޮށް އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުއަޓަރ ފައިނަލްގެ މިމެޗް އިންގްލެންޑުން ކާމިޔާބުކޮށްފައި ވަނީ 4 ލަނޑު 0 ލަނޑުންނެވެ.

އިންގްލެންޑުން މިމުބާރާތުގެ ސެމީއަށް އެންމެ ފަހުން ދަތުރުކޮށްފައިވަނީ 1996ވަނަ އަހަރުއެވެ. ބައިކޮޅަށް ގޯލެއް ނުވަދެ އިންގްލެންޑުން މުބާރާތުގެ ސެމީއިން ޖާގަ ހޯދާފައިވާއިރު، މިއީ މިފަހަރުގެ ޔޫރޯގައި އިންގްލެންޑުން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. ގުރޫޕު ސްޓޭޖާއި ރައުންޑް އޮފް 16ގައި ވެސް އިންގްލެންޑް ކުޅުނު މެޗްތައް ކުލެފައި ވަނީ އަމިއްލަ ގައުމުގައެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ވަރަށް ކުރީކޮޅުގައި އިންގްލެންޑުން ވަނީ ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އިންގްލެންޑުން މެޗްގައި ލީޑް ނެގުމާއެކު ޔޫކްރެއިންއިން ގޯލެއް ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން އިންގްލެންޑްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކް އުފައްދަން މަސައްކަތް ކުރި ބޯޅައިގެ ހުރަކަށް ވެފައިވަނީ އިންގްލެންޑްގެ ގޯލް ކީޕަރު ޖޯޑަން ޕިކްފޯޑްއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޔޫކްރެއިން އަށްވުރެއް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތު ލިބިފައިވަނީ އިންގްލެންޑަށެވެ. އިންގްލެންޑުގެ ޖޭޑަން ސަންޗޯ އާއި ޑެކްލަން ރައިސް ފޮނުވާލި ބޯޅަތައް ވަނީ ޔޫކްރެއިންގެ ކީޕަރު ބުޝްޗާން ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް އިންގްލެންޑް ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅުގައި އެޓީމުން ވަނީ ވަރަށް ކައިރިކައިރީގައި ދެ ގޯލް ޖަހައި ލީޑް ފުޅާކޮށްފައެވެ. މެޗްގެ ދެވަނަ ގޯލް މެޗްގެ 46ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ ފަހަތަށް ކުޅެމުން އަންނަ ހެރީ މެގުއާއެވެ. އަދި އޭގެ 4 މިނެޓްފަހުން މެޗްގެ 3ވަނަ ލަނޑު އިންގްލެންޑަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ކެޕްޓަން ހެރީ ކޭންއެވެ. މެޗްގައި ކޭންއަށް ހެޓްރިކް ހެދުމަށް ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ޔޫކްރެއިންގެ ކީޕަރު ވަނީ ކޭންގެ އެހަމަލާ ދިފާޢުކޮށްފައެވެ. މެޗްގައި އިންގްލެންޑުން ޖެހި 4ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހެންޑަސަންއެވެ. މިއީ އިންގްލެންޑުގެ ގައުމީ ޓީމަށް ހެންޑަސަން ކުޅެދިން 62 މެޗުން އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެއެވެ. އިންގްލެންޑުން މެޗްގައި 4 ގޯލެއްގެ ލީޑެއް ނެގުމާއެކު ޔޫކްރެއިންއަށް ފަހަތުން އަރާ ނަތީޖާ ހަމަކުރުމަށް ގިނަ އުދަކޫތަކާއި ކުރިމަތިލާން ޖެހުނެވެ.

25 އަހަރަށް ފަހު އިންގްލެންޑްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާއިރު، މިމެޗުން ބަލިވި ޔޫކްރެއިންގެ ތަރީހުގައި އެޓީމް ޔޫރޯގެ ކުއަޓަރ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރުއެވެ. އެހެންކަމުން މިއީ ޔޫކްރެއިން އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިއަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީ ނިކުންނާނީ ސްޕެއިންއާއި ދެކޮޅަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ޑެންމާކް ނިކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ.