ކުޅިވަރު

ފުޓްބޯޅަ ސީޒަންގެ އާ ފޯމެޓްގެ ކޮންސަލްޓަންޓަކަށް މުހައްމަދު އާދަމް


2023/2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ އާ ފޯމެޓްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ތަޖްރިބާކާރު ކޯޗް މުޙައްމަދު އާދަމް ހަމަޖައްސައިފިއެވެ. މުޙައްމަދު އާދަމް ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، މުޙައްމަދު އާދަމް ވަނީ މީގެކުރިން އެފްއޭއެމްއިން ހިންގި އަތޮޅު ފުޓްބޯޅަ މުބާރާތް ހިންގުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެފްއޭއިން 2023 އިން 2024ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމުގައި އެފްއޭއެމްއިން މުހައްމަދު އާދާމްގެ ފަރާތުން ހޯދަމުންދާނީ ޓެކްނިކަލް އެހީތެރިކަމެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދަން މަސައްކަތް ކުރާ ލީގްގެ މަސައްކަތްތައް ކުރުމަށް މިހާރު އެފްއޭއެމުން ވަނީ އެކަމަށް ހާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ. އަދި މިހާރު އެކޮމެޓީގެ ފަރާތުން ދަނީ އާ ލީގް ފޯމެޓްގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

މުހައްމަދު އާދަމްވަނީ އަވަށްޓެރި ސްރީލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗްކޮށް ދިނުމުގެ އިތުރުން ރާއްޖޭގެ ބައެއް ކުލަބްތަކަށް ވެސް ކޯޗް ކޮށްދީފައެވެ. އަދި ލެގޫންސް އައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް މުޙައްމަދު އާދަމް ވަނީ ކުޅެފައެވެ. އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓްގެ މަސައްކޮށްފައިވާ މުޙައްމަދު އާދަމް ވަނީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމުގެ އިތުރުން މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގައި ވެސް މުޙައްމަދު އާދަމްވަނީ މަސައްކަތްކޮށްފައެވެ. މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކޮށްގެން 2023/2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް މިހާރު ހިނގަމުންދާ ދައުރަށް ހޮވުމުގެ ކުރިން ވީ އެންމެ މުހިންމު އެއް ވައުދެވެ.