ޚަބަރު

ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ. މިދުވަސްވަރު ދަތުރުކުރާނަމަ މޫސުމާއި ބޭހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަވައިގެން ދަތުރު ރޭވުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އެމް.އެން.ޑީއެފުން ނެރެފައިވާ މި އިލްތިމާސްގައި ވިދާޅުވެފައިވެއެވެ.އަދި ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބަރުނުކުރުމާއި ދަތުރު ކުރާ ފަސިންޖަރުންނަށް ލައިފް ޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.މީގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރާ ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕް ފަދަ ނިޒާމް ބެހެއްޓުމަށާއި، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މި ނޫންވެސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެމް.އެން.ޑީއެފްގެ ކޯސްޓްކާޑުން އިލްތިމާސް ކުރެއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ އިތުރުން އޮޑިފަހަރުގެ ވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައިވެއެވެ.މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަންދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ، ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވުމަށް ވެސް މިއިލްތިމާސްކޮށްފައިވެއެވެ.އަދި ފަޅުތެރޭގަޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށާއި ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރަށް ގުޅުއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.