ވިޔަފާރި

ކުނި މެނޭޖުކުރުމުގެ ޚިދުމަތުން ޖީއެސްޓީ އިސްތިސްނާކޮށްދޭން ވެމްކޯއިން އެދިއްޖެ


ކުނި މެނޭޖުކުރުމުގެ ޚިދުމަތުން ޖީއެސްޓީ އިސްތިސްނާކޮށްދޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ވެމްކޯ އިން ފޮނުވި ސިޓީއެއްގައި ބުނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ އިސްތިސްނާވާ ހިދުމަތްތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ހިމެނޭ ކަމަށެވެ. ނަމަވެސް، ޔުޓިލިޓީ އޮތޯރިޓީގެ ގާނޫނުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ އިތުރުން ކުނި މެނޭޖުކުރުން ވެސް ގިންތި ކޮށްފައިވަނީ އާއްމު ބޭނުންތަކުގެ ހިދުމަތުގެ ގޮތުގައި ކަމަށްވެސް ވެމްކޯގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ވެމްކޯއިން ބނީ އާއްމު ޙިދުމަތްތަކުގެ ތެރެއިން މިހާރު ޓެކްސް ނަގަމުންދަނީ ހަމައެކަނި ކުނި މެނޭޖުކުރުމުގެ ޙިދުމަތުންކަމަށެވެ. އެހެންކަމުން ކޮމިޓީން މިހާރު ދިރާސާކުރަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ އިސްލާޙްގެ ދިރާސާތައް ކުރިއަށްދާއިރު، އާއްމު ބޭނުންތަކުގެ އެހެން ހިދުމަތްތަކެކޭ އެއް ފަދައިން ޖީއެސްޓީ ނެގުމުން އިސްތިސްނާވާ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުރުކުރުމުގެ ހިދުމަތް ވެސް ހިމަނައި ދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން މިކަމަށް އެދުނަސް، ކޮމިޓީން ދިރާސާ ކުރަމުންދަނީ އާމްދަނީއިން ޓެކްސް ނެގުމާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ކަމަށްވުމުން، ޖީއެސްޓީއަށް އިސްތިސްނާއެއް ގެނެވޭނީ މުދަލާއި ޙިދުމަތުގެ ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙު ގެނެސްގެން ކަމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީ އަށް ވަނީ ލަފާދީފައެވެ.