އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މާލޭ ސަދަރަހައްދުގައި އިއުލާންކޮށްފައި ކޯވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބުމުން ގިނަ ބަޔަކު އަންނަނީ ކުރިޔަށް އޮތް ބޮޑު އީދާއި މިނިވަންދުވަހުގެ ބަންދާއި ދިމާކޮށް ރަށްރަށަށް ފުރަމުންނެވެ.
ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކުގައިވަނީ ކޯވިޑަށް ޕޮޒިޓިވްވެ 2 މަސްހަމަނުވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދަތުރުކުރެވޭނެއެވެ. އަދި އަތޮޅުތެެރޭގައިވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ.